ކަރާކަސް (ފެބްރުއަރީ 5): ވެނެޒުއޭލާގެ ރައީސަކީ އެގައުމުގެ އިދިކޮޅު ލީޑަރު ހުއާން ގުއައިޑޯ ކަމަށް ޔޫރަޕްގެ ގައުމުތަކުން ބަލައިގަނެފި އެވެ.

ޔޫރަޕްގެ ހަތް ގައުމަކުން ގުއައިޑޯއަކީ ވެނެޒުއޭލާގެ ރައީސް ކަމަށް ބަލައިގަތީ، އެގައުމުގައި އާ ރިޔާސީ އިންތިހާބެއް ބާއްވަން ރައީސް ނިކޮލަސް މަޑޫރޯ ދެކޮޅު ހެއްދެވުމުންނެވެ. އެގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، ސްޕެއިން، ފްރާންސް، ޖަރުމަނު، ސްވީޑެން އަދި ޑެންމާކް ހިމެނެ އެވެ.

މިދިޔަ އަހަރުގެ މެއި މަހު ބޭއްވި ރިޔާސީ އިންތިހާބަށް ފަހު މިދިޔަ މަހު ރައީސް މަޑޫރޯ ވަނީ ދެވަނަ ދައުރަކަށް ވެރިކަމާ ހަވާލުވެވަޑައިގެންފަ އެވެ. ނަމަވެސް އެއިންތިހާބާ ދިމާކޮށް އިދިކޮޅު ގިނަ މެމްބަރުން ޖަލަށްލާފައި ވާތީ ގިނަ އަދަދެއްގެ މީހުން ވަނީ އެއިންތިހާބު ބޯއިކޮޓްކޮށްފަ އެވެ.

އޭގެ ސަބަބުން ގުއައިޑޯ ވަނީ މަޑޫރޯގެ ވެރިކަން ސައްހަ ނޫން ކަމަށާއި އެހެންކަމުން ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އޭނާއަށް ރައީސްކަމަށް ވަޑައިގެންނެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ގުއައިޑޯއަކީ ރައީސްކަމަށް އެންމެ ފުރަތަމަ ބަލައިގަތް ގައުމުތަކުގެ ތެރޭގައި އެމެރިކާ ހިމެނެ އެވެ.

ޔޫރަޕްގެ ގައުމުތަކުގެ އިތުރުން، ވެނެޒުއޭލާގެ މައްސަލައަށް ސުލްހަވެރި ހައްލެއް ގެނައުމަށް 14 ގައުމު ގުޅިގެން އުފައްދާފައިވާ ލީމާ ގުރޫޕުން ވެސް ވަނީ ގުއައިޑޯ އަކީ ރައީސް ކަމަށް ބަލައިގަނެފަ އެވެ. އެ 14 ގައުމުގެ ތެރެއިން 11 ގައުމު ކަމަށްވާ އާޖެންޓީނާ، ބްރެޒިލް، ކެނެޑާ، ޗިލީ، ކޮލޮމްބިއާ، ކޮސްޓަ ރީކާ، ގުއާޓަމާލާ، ހޮންޑޫރަސް، ޕެނަމާ، ޕެރެގުއޭ އަދި ޕެރޫއިން ވަނީ ގުއައިޑޯއަށް ތާއިދު ކުރާ ކަން ހާމަކޮށްފަ އެވެ.

މަޑޫރޯ އަދި ވެސް ގެންދަވަނީ ވެނެޒުއޭލާގެ ރައީސަކީ އޭނާ ކަމަށް ވިދާޅުވަމުންނެވެ. އަދި އޭނާއަކީ ރައީސް ކަމަށް ބަލައިނުގަންނަ ގައުމުތަކާ އޮތް ގުޅުން މުރާޖައާ ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.