އިސްލާމިކް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވެވި ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ، އަލުން މިއަދު އެ މަގާމަށް ޢައްޔަން ކުރައްވައި، އޭނާއަށް ވަޒީރު ކަމުގެ ފަތްކޮޅު ދެއްވައިފިއެވެ.

ޑރ. މަޖީދަށް އިސްލާމިކް މިނިސްޓަރު ކަމުގެ މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އަލުން ޑރ. މަޖީދަށް ވަޒީރުކަން ދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ ޑރ. މަޖީދަކީ މީގެ ކުރިން އެ މަގާމުގައި ހުންނަވައިގެން އިޚްލާސްތެރިކަމާއި ފަރުވާތެރިކަމާ އެކުގައި ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. ކުރިއަށް އޮތް ތަނުގައިވެސް، އެފަދަ ޚިދްމަތްތަކެއް ލިބިގެންދާނެ ކަމަށް އެދިވަޑައިގަންނަވާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޑރ. މަޖީދު އަލުން ވަޒީރު ކަމުގެ ހުވައި ކުރެއްވެވީ މިދިއަ މަހުގެ 29 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވެވީ ސަރުކާރު ހިންގާ އެމްޑީޕީ އާ އެކު އަދާލަތުން ހަދާފައިވާ ކޯލިޝަން ރޫޅާލުމަށް ފަހު، އެ ޕާޓީގެ ނަމުގައި ސަރުކާރުގައި ތިއްބެވި، އިސްލާމިކް މިނިސްޓަރު ޑރ. މަޖީދާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު އަހުމަދު އެ ބޭފުޅުން ތިއްބެވި މަގާމުތަކުން އިސްތިއުފާ ދެއްވުމަށް އެދުމުންނެވެ.

ޑރ. މަޖީދު ވަނީ އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ވެސް އިސްތިއުފާ ދެއްވާފަ އެވެ.