05 Feb 2019, 12:36
ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނަގެ ދައުވަތަކަށް މިހާރު އެގައުމަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ލަންކާ ސަރުކާރުގެ އިސް ބޭފުޅުންނާއެކު ރަސްމީ ވާހަކަތައް ކުރިއަށް ގެންދަވައިފިއެވެ.
މި ބައްދަލުވުންތައް ބާއްވާފައިވަނީ މިއަދު ހެނދުނު ލަންކާގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައި ބޭއްވި ރަސްމިއްޔާތަށް ފަހުއެވެ.
ޕްރެޒިޑެންޝަލް ސެކްރެޓޭރިއަޓުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ރަސްމީކޮށް މަރްހަބާ ވިދާޅުވީ، ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާއާއި، އެމަނިކުފާނުގެ އަނބިކަނބަލުން ޖަޔަންތީ ޕުޝްޕާ ކުމާރީއެވެ.
އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި ސްރީލަންކާގެ ރައީސް ޑަޔަސްއަށް އަރައިވަޑައިގަތުމުން، ޕްރެޒިޑެންޝަލް ސެލިއުޓް އަރުވައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ޤައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު 21 ބަޑީގެ ސަލާމެއްވެސް އެރުވުނެވެ. އޭގެފަހުން، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ސްރީލަންކާގެ ޓްރައި ފޯސްގެ ގާޑް އޮފް އޮނަރެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.
މި ހަރަކާތަށްފަހު ދެ ގައުމުގެ ރައީސުންގެ ރަސްމީ ވާހަކަތައް ކުރިއަށް ގެންދަވާފައިވެއެވެ. ރައީސް ސޯލިހުގެ ޝަރަފުގައި ލަންކާގެ ރައީސް ދެއްވާ މެންދުރުގެ ފަރިއްކޮޅެއް މިއަދު އޮންނާނެއެވެ. އަދި މިއަދު ހަވީރު ހިލްޓަން ހޮޓަލުގައި ރައީސް ސޯލިހު ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައާ ވެސް ބައްދަލު ކުރައްވާނެއެވެ.
ރައީސްގެ ދަތުރުފުޅަކީ ލަންކާގެ މިނިވަންދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރާއްޖެއާއި ސްރީލަންކާގެ ވިޔަފާރިވެރިންގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައިވެސް ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސްގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެ ވަޑައިގަންނަވާނެއެވެ.