05 Feb 2019, 12:47
އެމެރިކާގެ އެންމެ ގިނަ މީހުން ޓީވީ މެދުވެރިކޮށް އަދި އެތަނަކަށް ގޮސް ބަލާ ކުޅިވަރު "ސުޕަ ބޯލް" ގައި މިފަހަރު ގިނަ ބައެއް ހައިރާން ކޮށްލުމަށް ފަހު ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ފިރިހެނަކު ޗިއާލީޑިންގް ޓީމާ އެކު ނަށައިފިއެވެ.
މިދިޔަ އާދީއްތަ ދުވަހު ކުޅެވުނު 53 ވަނަ ސުޕާ ބޯލް މެޗުގައި ދެ ފިރިހެނަކު ވަނީ ލޮސް އޭންޖެލްސްގެ ރަމް ޗިއާލީޑިންގް ގުރޫޕާއި އެކު ނަށައި، ތާރީހުގައި ފިރިހެނަކު އެކަން ކުރި ފުރަތަމަ ފަހަރުގެ ޝަރަފު ހޯދާފައެވެ. ޗިއާލީޑިން އަކީ ބޭރުގެ ކުޅިވަރު ތަކުގެ ހާފް ގަޑި ތަކުގަޔާއި މެޗު ފެށުމުގެ ކުރިން ސަޕޯޓަރުން މުނިފޫހި ފިލުވާދިނުމައްޓަކައި ކޮށް އުޅޭ ކަމެކެވެ.

ނަޕޮލިއަން ޖިނީސް އަދި ކުއިންޓަން ޕެރޮން ޗިއާލީޑަރުންގެ ގޮތުގައި ހަރަކާތްތެރި ވަނީ -- ފޮޓޯ / ނަޕޮލިއަންގެ ސޯޝަލް މީޑިއާ
މީގެ ކުރިން ކޮލެޖުގެ ފުޓުބޯޅަ އަދި ރަގްބީ މުބާރާތް ތަކުގައި ފިރިހެނުން ވަނީ ޗިއާލީޑް ކޮށްފައެވެ. ނަމަވެސް ނަޕޮލިއަން ޖިނީސް އަދި ކުއިންޓަން ޕެރޮން އަކީ ތާރީހުގައި ވެސް އެންއެފްއެލް ސުޕަ ބޯލް ފަދަ ބޮޑު މުބާރާތެއްގައި ފިރިހެނުންތަކެއް އަންހެނުންނާ އެކު ޗިއާލީޑް ކުރި ފުރަތަމަ ދެމީހުންނެވެ.
ސުޕަ ބޯލް އަކީ ކޮންމެ އަހަރަކުވެސް އެމެރިކާގެ ހާއްސަ ކުޅިވަރެއް ކަމަށްވާ އެމެރިކަން ފުޓްބޯލްގެ ލީގު ފެށުމަށް ޓަކައި ކުޅެވޭ ފޯރިގަދަ މެޗެކެވެ. އަދި މިފަދަ ބޮޑު ހަރަކާތެއްގައި މީހުންގެ ސަމާލު ކަން ހޯދުމަކީ އެގައުމުގެ ގިނަ ބައެއްގެ އުންމީދެކެވެ.
ޖިނީސް އަދި ކުއަންޓޮން އަކީ ނެށުމަށް ހާއްސަ ދެ ފަންނާނުންނެވެ. މި ދެމީހުން ލޮސް އެންޖެލެސް ރަމްގެ ޗިއާލީޑިންގް ޓީމަށް ނަގާފައިވަނީ 300 މީހުންނާ އޮޑިޝަން ކުރުމަށް ފަހުއެވެ.
Super Bowl opening night performance was a success ✅????@LARamsCheerpic.twitter.com/zqX94R0cTW
— Napoleon Jinnies (@NapoleonJinnies)January 29, 2019
ކޮލެޖްގައި އުޅުނު ދުވަސްވަރު ވެސް ޗިއާލީޑް ކޮށްފައި ނަޕޮލިއަން ޖިނީސް ބުނީ މީ ވަރަށް ގިނަ ދުވަހު ދެކެމުން އައި ހުވަފެނެއް ކަމަށެވެ. ފަންނީ ދުނިޔޭގައި ވަކި ޖިންސަކަށް ވީތީ ހުނަރު ދައްކަން ލަދުން ހުންނަން ނުޖެހޭނެ ކަމަށާއި މިކަމަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާތީ އުފާ ކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.