އިނގިރޭސި ޕުރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލް ރޭ ވެސްޓްހާމް އާއި ކުޅުނު މެޗުން އެއްވަރުވެ ފަސް ޕޮއިންޓުގެ ލީޑެއް ނަގަން ލިބުނު ފުރުސަތު ލިވަޕޫލްއިން ގެއްލުވާލައިފިއެވެ.

ރަށުން ބޭރުގައި ވެސްޓްހާމް އާއި ލިވަޕޫލް ވާދަ ކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވުމާ ގުޅިގެން ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއާއި ދެމެދުގެ ފަރަގު ވަނީ ތިން ޕޮއިންޓަށް ކުޑަ ވެފައެވެ. މި ނަތީޖާއާ އެކު ލިވަޕޫލް އަށް ޕުރެޝަރު ވަނީ ބޮޑުވެފައެވެ.

ލިވަޕޫލް އާއި ވެސްޓްހާމް ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ / ޖޭމީ ސްމިތް

ރޭގެ މެޗުގައި ފުރަތަމައިން ގޯލު ޖަހާ ލީޑު ނެގީ ލިވަޕޫލްއެވެ. އެ ޓީމުގެ ކެޕްޓަން ޖޭމްސް މިލްނާ ޖައްސާލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ ސެނެގަލްގެ ފޯވާޑް ސާޑިއޯ މާނޭއެވެ. ޖޭމްސް މިލްނާ ރޭގެ އެސިސްޓާއި އެކު ވަނީ ޕްރިމިއާ ލީގުގައި 81 އެސިސްޓް ކޮށްފައެވެ. އަދި މި އެސިސްޓާއި އެކު ޕްރިމިއާ ލީގުގެ ލެގެންޑެއް ކަމަށްވާ ޑޭވިޑް ބެކަމް ފަހަތަށް ޖައްސާލުމަށް ފަހު ޕުރިމިއާ ލީގުގެ އެސިސްޓް ޗާޓުގެ ހަތް ވަނައަށް މިލްނާ ވަނީ ޖެހިލާފައެވެ.

ނަމަވެސް ރޭގެ މެޗުގައި ގިނަ ބައެއްގެ ލޯތަށް އަމާޒު ވި މިލްނާގެ އެސިސްޓަކީ އޭނާ އޮފްސައިޑް ޕޮސިޝަނެއްގައި ހުރެ ޖައްސާލި ބޯޅައެއްކަން ރިޕްލައި ބަލާލުމުން ޔަގީންވާ ކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި މެޗުގެ ތެރެއިން ވެސް ގޯލެއް ކަމަށް ނިންމުމަށް ފަހު ރެފްރީއަށް ވެސް އެކަން ފާހަގަ ކުރެވުނު ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކުލޮޕް ވެސް ވަނީ ބުނެފައެވެ.

ލިވަޕޫލްގެ ލީޑު ނެގިތާ ގިނަ އިރުތަކެއް ނުވަނީސް ވެސްޓް ހާމް އިން ވަނީ ގޯލެއް ޖަހާ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މިޗައިލް އަންޓީނިއޯ އެވެ. މި ގޯލަށް ފަހު ވެސް ވެސްޓް ހާމް އަށް ވަނީ ލަނޑު ޖަހާނެ ހުސް ފުރުސަތު ތަކެއް ލިބިފައެވެ.