ދިރާސާއެއް ކުރެވޭނީ އެތަކެއް ހަމަތަކެއްގެމަތީން، ގަބޫލުކުރެވޭ ފެންވަރެއްގައިކަން އެނގެއެވެ.

ގޮތެއް ކަނޑައެޅޭނީ ވަކި ޝަރުތުތަކެއްގެ ތެރޭން ލިބޭ ހުއްދައަކާ ގަބޫލުކުރެވުމެއްގައިކަން ވެސް ދެނެހުރީމެވެ. އަދި އިސްވެ މިބުނެވުނު ފެންވަރާއި ހަމަތަކާއި ޝަރުތުތަކަށް ނުފެތޭނަމަ އެއްމެބޮޑުވަރަކަށް ދެންކުރެވޭނެ ކަމަކަށް އޮންނާނީ ފިކުރު ކަން ހިތުގެ އަޑީން ޔަގީންކުރަމެވެ. މިފިކުރު މިގޮތަށް ކުރެވެންފެށިތާ ދުވަސްތަކެއް ވެފައިވިއަސް އަމަލީ ސިފައެއް ގެނެވޭތޯ މަސައްކަތެއް ނުފެށި އޮތީއެވެ. ކީއްވެގެންބާވައޭ އަމިއްލަ ހިތަށްއަރާފައިބާ އަދަދު ކުރެވުނުނަމަ އެއްބަޔަކު މަލާމާތްކުރެވޭތޯ އުޅޭނެކަން ކަށަވަރެވެ.

ފިކުރު ކުރެވެނީ އަހަރެމެންގެ މާދަރީ ބަހަށް ވެގެންއައިގޮތާއި ވަމުންދާގޮތާއި މެދުގައެވެ. މާދަމާ ވެދާނެގޮތަކަށް ވިސްނާ ދެރަވެ ކަންބޮޑު ވުމުގެމާނައެއް މިހާރަކުއޮތެކޭ ހީއެއްނުވެއެވެ. އެކިމީހުންނަށް އެކިރަހަމީރުކަމާއި ވަކި ވަސްވަސް ރަނގަޅުވެ އެކިވަކި ސިފަ ހިތްގައިމުވުމަކީ އެނގިފެނިފައިވާ އެއްބަސް ވާންޖެހޭ ހަގީގަތެވެ. ކަންކަމާއި ގުޅުވައިގެން އެކަމެއްގެ ފަންނީމީހުން އެމީހެއްގ ެނުވަތަ އެބައެއްގެ މާލޫމާތު ހުރިވަރަކުން އެކަމަކަށް ތަފާތުގޮތް ގޮތްހަދައި ބަދަލުތައް ގެނެސްހެދޭތޯ އުޅެއެވެ. އުޅޭނެއެވެ. އުޅެންޖެހޭކަމުގައިވެސް ބުނެދެއެވެ. އެފަދަކަންކަން ކުރިއަރައި ލުއިފަސޭހަވެގެން އަންނަނީ އެ ސަބަބަށްޓަކައި ކަމުގައި ގިނަބަޔަކު ނިންމާނެއެވެ.

ވިސްނާލާއިރު ދިވެހިބަސް މިގޮތަށް ބޭއްވުމުގެ ނުވަތަ ބޭއްވޭތޯ ކުރާ (ނަމަ) މަސައްކަތުގެ އެއްވެސް ބޭނުމެއް ހަމަނެތެވެ. ފައިދާއެއް ވުމުގެ ބަދަލުގައި ވާނީ ގެއްލުމޭ ބުނެ ސާބިތުކޮށްފައި ނިންމަންވީއެވެ. "ބޭނުމެއް ނެތޭ" އާއި "ފައިދާއެއް ނުވެ ގެއްލުންވާނީ" ކަމުގައި ނިންމަން ޖެހެނީ ފެންނަންހުރި އާރުލާ ސަބަބު ތަކަކާ އެކުގައެވެ.
1- ދިވެހިންގެ ތެރޭގައި ދިވެހިވަންތަކަމަށްވުރެ ބޭރުވަންތަކަމަށް ކުރެވޭލޯބި )މިހާރު) މާގަދައެވެ.
2- ރޭވި ކުރިއަށްގެންދަން ކުރެވޭ ހުރިހާ މަސައްކަތެއްގައިހެން ދިވެހިބަހަކުން ނުފުދެއޭ ބުނަން އެބަޖެހެއެވެ.
3- ހާލަތު ގެ ނުތަނަވަސްކަން ދިވެހިބަހާއި އަޅާލައި ހޭހަންކުރާނެ ފުރުސަތު ތާށިކުރެއެވެ.
4- އަޅާނުލައި ދޫކޮށްލެވިފައިވާތީ ޅަކުދިންގައި ދިވެހިބަހަށް ލޯތްބެއް ނެތެވެ.

މިފިކުރާ އިދިކޮޅަށް ވަރަށްގިނަ ބަޔަކު ތެދުވާނެކަމުގައި ގަބޫލުކުރެވެއެވެ. އެއީ ގައުމީރޫހު އެބަހުރިކަން ދެއްކުމުގެ ބޭނުމާއި ހިތާއި އިދިކޮޅަށް ނަމަވެސް މި ލިއުން ކިޔާލާފައި ދެކޮޅުހަދާލުމުގެ ފޯރީގައެވެ. މިހެންއެކަނި ނިންމައިގެން ނުވާނެ ކަމުގައި ހެޔޮހިތުން އެއްބަސްވަމުން ދިވެހިބަސްދެކެ ހަގީގަތުގައި ލޯބިވާތީ ހެޔޮއެދޭތީ މިލިއުމާ ދެކޮޅަށް ޚިޔާލުފާޅުކޮށް ނުރުހުން ރައްދުކުރާނެ މަދު ނަމަވެސް ބަޔަކު އުޅޭނެ ކަމުގައި ގަބޫލުކުރަމެވެ. އެފަދަ މީހުންގާތު ވަރަށް އިޚުލާސްތެރިކަމާއި ލޯތްބާއެކު ބުނެލާ ހިތްވަނީ އެމީހުންގެ ލިސްޓުގައި ދާދިފަހާޖެހެންދެންވެސް ހުރި ވަރަށްގިނަ ނަންތަކެއް މިދާދުވަހު ފުހެވިގެން ހިނގައްޖެކަމާއި މިހާރުގެ މިއަދުގެ މިހާލަތުގައި އެއްވެސް އުއްމީދެއް ނެތީތީ އެމީހުން ވަކިވެދިޔައީ ހިތާމަ ކުރަމުން ރޮމުން ކަރުނައަޅަމުން ކަމުގެ ވާހަކައެވެ.

ހިތަށްއަރައެވެ. މިބުރުގޮސް ދެން އަންނަ ބުރެއްގައި ގައުމީލޯބި ހުރި ދިވެހިދަރިންތަކެއް އުފެދި، އަލުންބަލުން ދިވެހިބަސް ދިވެހިންގެ ފަޚުރު ވެރިއަސަރުގަދަ ބަހަކަށް ހެދޭތޯ މަސައްކަތްކުރަން ބޭނުންވެއްޖެނަމަ، ހައުދަހާ "ކަމެއް" ހުންނާނެއެވެ. އެހިސާބަށް ދާއިރު އޮންނާނީ ކިހިނެއްބާވައެވެ. ފަހަރެއްގައި ދިވެހި އަކުރުތަކުން އިނގިރޭސި ނުވަތަ އެހެން ބަސްބަހުން ލިއެ ހަދާހިސާބުގައިވެސް އޮވެދާނެއޭ ހީވެއެވެ. މިހާރުވެސް އެހެރަ ފެންނަނީ އެފަދައެތައްއެތައް ލިއުންތަކެއް އެގޮތަށް ލިއެވެމުންނެވެ. އެތައްއަހަރެއްކުރިއްސުރެ ފެށިގެން ލިޔެވެމުން އައިސް މިހާހިސާބުގައި މިހާރުވެސް މިއޮތީ ދިވެހިބަހުގެ ލޮލުން ބަލައިލައިފިނަމަ ހޮޑުލެވޭ ހިސާބަށް އައިސްފައެވެ. "މާލޭ ނޯތް ހާބަރ، ޕްރެޒިޑެންޓްއޮފީސް، ޕްރެޒިޑެންޝަލް އެޑްރެސް، ޖަސްޓިސް ބިލްޑިންގ،ޔުޓިލިޓީސް، ފަދަ ނަންތައް ސަތޭކައިން ގުނާލެވޭނެކަން ކަށަވަރެވެ. އެކަކު އަނެކަކަށް ފޮނުވާ ނޯޓު ސިޓީފަދަ ތަކެތީގައި ގިނައިންހުންނަނީ އެއްމެ މިހާރުގެ ފެޝަން ބަހުރުވައެވެ. ދެން ޔޫ އާއި މީ މިރޭ ރައިޑަކަށް ދާންވާނެ ވާހަކައެވެ. ވީއިރު މިހެން ދަމުން ދާނަމަ އެދުވަހެއް އަންނަ އިރު އޮންނާނީ ވަރަށްބޮޑުވަރު ވެފައި ކަމުގައި ބެލިދާނެ އެވެ.

އިފް ވީ ވޯންޓް ބްރިންގ ބޭކް އަވަރ ދިވެހިލަންގުއޭޖް، ވީ ހޭވް ޓް ޓްރައި ވެރީހާރޑް ޓް ލެޓް އަވަރ ޗިލްޑރެން ލަވް އަވަރ ލެންގުއޭޖް ފަދަ ގޮތަކަށް ނޫނީ އާއްމުކޮށް ލިއުންތައް ލިއެ ނޫޅޭ ހިސާބުގައޭ ބުނެވިދާނެ އެވެ. މިއީ ރަނގަޅު ފިކުރެއްކަމުގައިވާނަމަ އަލުން އެކަޑަމީ ހަދައި ލިންގްއިސްޓުން ހޯދައި ކިޔަވައިދީ އެ ހޭދަކުރުމުގެ ބޭނުމެއް ނޯންނާނެއެވެ. ބަދަލުގައި ބަހުގެ ނަންވެސް "ދިވެރޭސި" ނުވަތަ "އިނގިވެހި" ކަމުގައި ހަދާ މިދާގޮތަށްދާން ދޫ ކޮށްލަނިކޮށް ވަރަށް ކައިރިކުރިމަގެއްގައި އަޕްޓް ދަޓް ސްޓޭންޑަޑަށް ބަސް "މުއްސަނދި"ވެގެން ހިގައިދާނެކަމަށް މިގޮތަށް ވިސްނާލައި މިފިކުރާއި މެދު އެކަނި ތަނެއްގައި ހިމޭނުންއިނދެގެން ޚިޔާލުކޮށްލާ ކޮންމެމީހަކުވެސް އެއްބަސްވާނެކަމަށް ނިންމެއެވެ. ވާނެގޮތް އެނގޭ އެކަކުވެސް ނޫޅޭނެ އެވެ.