އިކޮނޮމިކް މިނިސްޓްރީގެ އައްޑޫ ސިޓީ އޮފީހުގައި ހުރި ތިޖޫރީ ވަގަށް ނަގައި ބައިލައްކަ ރުފިޔާ ގެންގޮސްފި އެވެ.

ފުލުހުން ބުނީ ތިޖޫރީ ވަގަށް ނަގާފައި ވަނީ އޮފީހުގެ ދޮރު މަތާލައިގެން ހުޅުވައިގެން ވަދެ ކަމަށެވެ. އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 8:01ގައި ކަމަށާއި ވަގަށް ނެގި ތިޖޫރީގައި 50،000 ރުފިޔާ ހުރި ކަމަށް މައުލޫމާތު ލިބޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައިވާ ކަމެއް ފުލުހުން ނުބުނެ އެވެ.

އައްޑޫ ސިޓީގައި ހުންނަ ސަރުކާރު އޮފީހެއްގެ ތިޖޫރީ ވަގަށް ނަގާފައިވާ އިރު މިދިޔަ ހަފްތާ ގއ. މާމެންދޫ ކޯޓުގެ ކުޑަދޮރު ހަލާކުކޮށްލައިގެން އެތަނަށްވަދެ ތިޖޫރީއެއް ވަނީ ވަގަށް ނަގައިފަ އެވެ. މީގެ އިތުރން ރ. މާކުރަތުގައި ހުންނަ ތިން މުވައްސަސާއެއްގެ ތިޖޫރީވެސް ވަނީ މީގެ ދެ ހަފްތާ ކުރިން ވަގަށް ނަގައިފަ އެވެ.