04 Feb 2019, 20:56
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ހަޔާ އެޑިޔުކޭޝަންގެ މިނިސްޓަރީގެ ނައިބުގެ މަގާމަށް ދެ ބޭފުޅުން އައްޔަނު ކުރައްވައިފި އެވެ.
އެ ދެ މަގާމަށް ރައީސް ސޯލިހް މިއަދު އައްޔަން ކުރެއްވީ ނ. ފޮއްދޫ އާޝީޔާ މަންޒިލް، އިސްމާއިލް ޒަބީހާއި ގ. މަންބައުގެ، އާއިޝަތު ޝަފިނާ އެވެ.
އިސްމާއީލް ޒަބީހަކީ ޔުނިވާސިޓީ އޮފް ވެސްޓް އޮފް އިންގްލެންޑުން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ. އޭނާ ވަނީ، މަންދު ކޮލެޖްގައި ލެކްޗަރާގެ މަޤާމާއި އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި މެނޭޖިން ޑިރެކްޓަރުކަން އަދި ވިލެޖް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މާކެޓިން މެނޭޖަރުކަން ވެސް އަދާކުރައްވާފައިވާފައެވެ. މީގެ އިތުރުން އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސީނިއާ ރިސާޗް އޮފިސަރުގެ މަގާމުވެސް ފުރުއްވާފައެވެ.
ޒަބީހުގެ އިތުރުން ނައިބުގެ މަގާމަށް އައްޔަން ކުރެއްވި،ޝަފިނާއަކީ ސްރީލަންކާގެ ޔުނިވަރސިޓީ އޮފް ކޮލަމްބޯ އިން މާސްޓާސް އޮފް ޑިވެލޮޕްމަންޓް ސްޓަޑީޒް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު ދަނީ ސްރީލަންކާގެ ޔުނިވާސިޓީ އޮފް ޕެރަޑެނިޔާ އިން ޕީ.އެޗް.ޑީ އިން ސޯޝިއޮލޮޖީ އަށް ކިޔަވާ ވިދާޅުވަމުންނެވެ. އޭނާ ވަނީ އެޑިއުކޭޝަން ފަސްޓް މޯލްޑިވްސްގައި ކޮންސަލްޓަންޓް/ ރީޖަނަލް މެނޭޖަރު ކަމާއި، މަންދުކޮލެޖްގައި ބިއުރޯ ޗީފްގެ މަޤާމުވެސް އަދާކުރައްވާފައެވެ.