04 Feb 2019, 18:41
ނިމިދިޔަ ރިޔާސީ އިންތިހާބުގައި އިލެކްޝަން ކޮމިޝަންސްގެ ރައީސް އަހްމަދު ޝަރީފު ވޯޓުގެ ނަތީޖާ އޮޅުވާލި ކަމަށް ބުނެ، ސާބިތުނުހިފޭ ދޮގު ވާހަކަތަކެއް ހިމެނޭ ކޮންޓެންޓް ތަކުރާރުކޮށް ބްރޯޑްކާސްޓް ކުރި މައްސަލައިގައި "ޗެނަލް 13" އާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމީޝަނުން ދީފިއެވެ.
ރިޔާސީ އިންތިހާބަށް ފަހު މިދިޔަ އޮކްޓޯބަރު މަހު ހަތަރު ދުވަސް މަތިން ޗެނެލް 13 އިން "އޮޅުވާލި ވޯޓު" ނަމުގައި ގެނެސްދިން ޕްރޮގްރާމް ގައި ޝަރީފު އާ ބެހޭ ގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަ ހިމެނޭ ކޮންޓެންޓެއް ދެއްކި ހަތަރު މައްސަލަ އެއް ޝަރީފު ވަނީ އެ ކޮމިޝަނަށް ހުށަހަޅުއްވާފައެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ، ހަތަރެއް، ފަހެއް، ހަތެއް އަދި އަށްވަނަ ދުވަހުގެ ރޭ، ޗެނަލް 13 އިން ގެނެސްދިން "އޮޅުވާލި ވޯޓު" ޕްރޮގްރާމްގައި، ވޯޓު ވަގަށް ނެގިކަމަށާއި ބޮޑު ވަގު ޝަރީފު ކަމަށް ބުނެ، އިލެކްޝަން ކޮމިޝަންގެ ރައީސް ޝަރީފްގެ ނަޒާހަތްތެރި ކަމާމެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭ، ސައްހަ ނޫން އަދި ސާބިތުނުހިފޭ ދޮގު މައުލޫމާތު ފަތުރައި، އޭނާގެ ގަދަރާއި އިއްޒަތަށް އުނިކަން ލިބޭގޮތަށް، ރައްޔިތުންގެ ކުރިމަތީގައި މުހާތަބުކޮށް ދައްކާފައިވާ ވާހަކަތައް ވަގުތުން ޓެލެކާސްޓްކޮށްފައިވާކަމަށް ބްރޯޑްކޮމް އިން ބުންޏެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހު ބްރޯޑްކާސްޓް ކުރި ކޮންޓެންޓަކާ ގުޅިގެން ވަނީ މައާފަށް އެދި މިމަހު 14 ވަނަ ދުވަހުގެ ކުރިން ބަޔާނެއް ނެރެ އެ ބަޔާން އެ ޗެނެލުން އާންމު ކުރުމަށް އަންގާފައެވެ. އަދި އޭގެފަހުން ބެލި މައްސަލަ ނިންމީ ޗެނަލް 13 އަށް އިންޒާރު ދިނުމަށެވެ.
ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓެއް އޮންއެއާ ވުމުގެ ފުރުސަތު ނުދިނުމަށްޓަކައި، ސްޓޭޝަންގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ގޮތަށް، ޑިލޭއަކާ އެކު ނޫނީ، ލައިވް އިވެންޓްތައް ދެން ނުފޮނުވުމަށް އެ ޗެނެލް ހިންގާ ކުންފުންޏަށް އެންގުމަށް އެ ކޮމިޝަނުން ބެލި މައްސަލައަކަށްފަހު ވަނީ އަންގާފައެވެ.
އެ ހަތަރު މައްސަލަތައް ބެލުމަށް ފަހު އެ ކޮމިޝަނުން ވަނީ ދެ އިންޒާރެއް އެ ޗެނަލަށް ދީފައެވެ.
ފުރަތަމަ އިންޒާރުގައި ބުނެފަައިވަނީ، މިއީ ޗެނަލް 13 ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ހިލާފުވި ތިންވަނަ ފަހަރުކަމުގައިވާތީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފުނުވުމަށް، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އެ ޗެނެލް ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އިންޒާރުދޭ ކަމަށެވެ.
ދެވަނަ އިންޒާރުގައި ބުނެފައިވަނީ، މިއީ ޗެނަލް 13 ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ހިލާފުވި ހަތަރު ވަނަ ފަހަރުކަމުގައިވާތީ، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފްނުވުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ އިތުރަށް ހިލާފުވެއްޖެ ނަމަ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެ ޗެނެލް ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އިންޒާރުދޭ ކަމަށެވެ.
ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ބުނެފައި ވަނީ، ބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދިނުމުގެ ލައިސެންސެއް ދޫކޮށްފައިވާ ފަރާތަކުން އެ ގާނޫނާ ނުވަތަ ލައިސަންސް ދިނުމުގެ ޝަރުތަކާ، ނުވަތަ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފުވެފައިވާކަމަށް ކޮމިޝަނުން ނިންމައިފި ނަމަ، ލައިސަންސް ލިބިފައިވާ ފަރާތަށް ދެވޭ އިންޒާރެއް އާންމުކޮށް ޝާއިއު ކުރުން ކަމަށެވެ.