ވޮޝިންޓަން (ފެބްރުއަރީ 4) : އެމެރިކާއާއި މެކްސިކޯގެ ސަރަހައްދީ ރޮނގުގައި އެމެރިކާގެ އިތުރު ތިންހާސް ހަތްސަތޭކަ ފަސްސާސް ސިފައިން ރުކުރުވާލުމަށް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ނިންމައިފިއެވެ.

ޕެންޓަގަން އިން ބުނީ މިހާރު އެމެރިކާއާއި މެކްސިކޯގެ ސަރަހައްދީ ރޮނގުގައި ބައިތިއްބާފައިވާނީ އެންމެ ހަތަރު ސަތޭކަ ސިފައިން ކަމަށާއި މެކްސިކޯގެ ސަރަހައްދީ ރޮނގު ހުރަސްކޮށް އެމެރިކާއަށް ގަވައިދާ ޚިލާފަށްވަންނަ ހިޖްރަވެރިން ހުއްޓުވުމަށާއި ސަރަހައްދީ ރޮނގުގައި އަމަން އަމާންކަން ގާއިމް ކުރުމަށް އެހާ މަދުއަދަދެއްގެ ސިފައިން ނުފުދޭ ކަމުގައެވެ.

އެމެރިކާ އާއި މެކްސިކޯގެ ސަރަހައްދީ ރޮނގަކީ އެމެރިކާގެ ގައުމީ ސަލާމަތާ އަދި އިގްތިސާދަށް ވަރަށް މުހިއްމު އަދި ޙައްސާސް ތަނެކެވެ. އެތަނުގައި އެމެރިކާގެ އިތުރު ސިފައިން ރުކުރުވާލުމަށް ނިންމާފައިމިވަނީ އެސަރަހައްދުގައި ފާރެއް ރޭނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިއްލާންކުރައްވާފައިވާ ޕްލޭނާމެދު އެމެރިކާގެ އެތެރޭގައި ބޮޑެތި ޚިޔާލު ތަފާތުވުންތައް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ކަމުގެ "ގާއިމް މަގާމު"ގައި މިހާރު ހުންނެވި ޕެޓްރިކް ޝެނަހާން ވިދާޅުވީ ފާރު ރޭނުމުގެ މަސައްކަތް ލަސްވެގެންދާނެ ކަމަށް ބެލެވޭތީ ސަރަހައްދީ ރޮނގު ހުރަސްކޮށް މެކްސިކޯގެ ފަޅިން އެމެރިކާއަށް ވަންނަ ޣައިރު ގާނޫނީ ހިޖްރަވެރިން ހުއްޓުވުމަށް އިތުރު ފިޔަވަޅުތައް އަޅަން ޖެހޭ ކަމުގަ އެވެ.

މިދިޔަ ޖަނަވަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި މެކްސިކޯގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ވަޑައިގެން ޝެނެހާން އެތަން ބައްލަވާލައްވާފައިވާ އިރު އިތުރު ސިފައިން ބައްތިއްބާނެ ތަންތަންވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެއަށް ފަހު ޝެނަހާން ވަނީ ސަރަހައްދީ ރޮނގުގައި ރުކުރުވާލުމަށް އެމެރިކާ ސިފައިންގެ އިތުރު ފައުޖެއް ފޮނުވާނެ ކަމަށް އޭރު ވިދާޅުވެފަ އެވެ.

އަލަށް ފޮނުވާ އެމެރިކާ ސިފައިންނާ ހަވާލުކުރެވޭ މަސައްކަތްތަކުގެ ތެރޭގައި އެމެރިކާއާއި މެކްސިކޯގެ ސަރަހައްދީ ރޮނގުގައި ކަށިނަރުޖަހައި ބަންދުނުކޮށް ހުރި ތަންތަނުގައި ކަށިނަރުޖަހައި ބަންދު ކުރުމުގެ ކަންތައް ކޮށް ނިންމުން ހިމެނެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މެކްސިކޯ ގެ ސަރަހައްދީ ރޮނގު ހުރަސްކޮށް އެމެރިކާއަށް ގަވައިދާ ޚިލާފަށްވަންނަ ހިޖްރަވެރިން ހުއްޓުވުމަށްޓަކައި ސަރަހައްދީ ރޮނގުގައި ފާރެއް ރޭނުމަށް އޭނާގެ ސަރުކާރުން ކޮށްފައިވާ ޕްލޭނަށް ބޭނުންވާ ބަޖެޓް ނުލިބިއްޖެ ނަމަ އެމެރިކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާން ކޮށްގެންވެސް އެކަންކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މިފާރު ރޭނުމަށް ބޭނުންވާ ފަހެއް ޕޮއިންޓް ހަތެއް ބިލިއަން ޑޮލަރު މި އަހަރުގެ އެމެރިކާގެ ފެޑްރަލް ބަޖެޓްގައި ހިމެނުމަށް ކޮންގްރެސް އިން ދެކޮޅު ހެދުމުން ފެޑްރަލް ސަކާރުގެ ގިނަ އޮފީސްތަކެއް ބަންދުކުރަންޖެހި އެމެރިކާއަށް ވަނީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައެވެ. ނުރައްކަލުގެ ހާލަތު އިއްލާންކޮށްފި ނަމަ އެމެރިކާގެ ޑިޒާސްޓަރގެ ކަންކަމަށް ޚާއްސަކޮށްފައިވާ ފައިސާ ބޭނުންކޮށްގެން އެކަން ކުރުމުގެ އިޚްތިޔާރު ޓްރަމްޕަށް ލިބިވޑައިގަންނަވާނެއެވެ.

ޑިޒާސްޓަރގެ ކަންކަމަށް އެތައް ބިލޔަން ޑޮލަރެއް އެލޮކޭޓްކޮށްފައިވާ އިރު ކުއްލި ނުރައްކަލުގެ ހާލަތު އިއްލާން ކޮށްގެން މެކްސިކޯއާއި އެމެރިކާއާ ދެމެދު ފާރު ރޭނުމަށް ބޭނުންވަނީ ފަހެއް ޕޮއިންޓް ހަތެއް ބިލިޔަން ޑޮލަރު އެއިން ނެގިދާނެ އެވެ. އެމެރިކާއާއި މެކްސިކޯގެ ސަރަހައްދީ ރޮނގުގައި އެމެރިކާ ސިފައިންގެ އިތުރު ބަޔަކު ރުކުރުވާލުމަށް ޕެންޓަގަން އިން ނިންމީ ފާރު ބިނާކުރުމުގެ މަޝްރޫއު ލަސްވެގެންދާނެ ކަމަށް ބެލެވޭތީ ކަމަށް ރިޕޯޓްތައް ބުނެއެވެ. (ރޮއިޓާސް)