04 Feb 2019, 17:47
(ކޮލޮމްބޯ، ސްރީލަންކާ): ރާއްޖެއިން ސްރީލަންކާއަށް މުދާ އެކްސްޕޯޓުކުރާ މިންވަރު މިދިޔަ އަހަރު ދުވަސްތަކުގެ ތެރޭގައި ދަށްވެއްޖެކަމަށާއި އެކަން މެދުވެރިވި ސަބަބު ދެނެގަންނަން ބޭނުންވާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިއަދު ކޮލޮމްބޯގައި ފެށި ރާއްޖެ އަދި ސްރީލަންކާގެ ވިޔަފާރިވެރިންގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ތަސައްވަރަކީ ކައިރި ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ވަރަށް ބޮޑަށް ބަދަހިކުރުން ކަމަށެވެ. އަދި މި މޭރުމުން ސްރީލަންކާއަކީ ރާއްޖެއާއެކު އަބަދުވެސް އޮންނަ ގައުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެއާ ސްރީލަންކާއާ ދެމެދު މިދިޔަ އަހަރުތަކުގެ ތެރޭގައި ވިޔަފާރިކުރި މިންވަރު އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް ރާއްޖެއިން ލަންކާއަށް ކުރާ އެކްސްޕޯޓު ދަށްވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވޭ މިކަން މިގޮތަށް ވާ ސަބަބު ދެނެގަންނަން. އަދި މި މައްސަލަ ހައްލުކުރެވޭނެ ގޮތެއް ބަލަން،" ފައްޔާޒް ވިދާޅުވިއެވެ.
ޓޫރިޒަމް ދާއިރާވެސް ހިމެނޭގޮތަށް ސްރީލަންކާގެ ބޮޑެތި އިންވެސްޓްމެންޓްތަކެއް ރާއްޖޭގައި ހުރި އިރު، އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރުތަކުގެ ތެރޭގައި އެ އިންވެސްޓްމެންޓްތައް ވަރުގަދަކުރުމަށް އުންދަގޫތަކެއް އުފެދިފައިވާ ކަމަށެވެ. އަދި އެ އުނދަގޫތައް ނައްތާލުމަށް މިއަދުގެ ސަރުކާރުން މަސައްކަތް ކުރާނެކަމަށް ވިދާޅުވިއެވެ. އެގޮތުން އެއް ކަމަކަށް މިނިސްޓަރު ފާހަގަކުރެއްވީ ވިޔަފާރިވެރިންނަށް ރާއްޖޭގައި ފަހި މާހައުލެއް ގާއިމުކުރުމަށް ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކެވެ.
"އަޅުގަނޑުމެން މިދަނީ ރާއްޖޭގައި މިހާރު ހުރި ބައެއް ގާނޫނުތަކަށް ބަދަލު ގެނެސްގެން ވިޔަފާރިތަކަށް ރާއްޖޭގައި ވިޔަފާރިކުރުމަށް ފަސޭހަކޮށްދޭން. އަދި ބޭރުގެ އިންވެސްޓަރުންނާއި ދިވެހި ވިޔަފާރިވެރިންގެ އިންވެސްޓްމެންޓުތައް ރައްކާތެރިކޮށްދޭނެ، ދެފުށް ފެންނަ މާހައުލެއް ގާއިމުކޮށްދޭން،" މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ދުނިޔޭގައި އިގްތިސޯދީ ގޮތުން އެންމެ ބާރަށް ކުރިއެރުވުމުގެ ގާބިލުކަން އޮތީ ދެކުނު އޭޝިއާ ސަރަހައްދުގައި ކަމަށެވެ.
"މި ސަރަހައްދަކީ އިގްތިސާދީ ގޮތުން ބަލާއިރު ދުނިޔޭގެ މުސްތަގުބަލު. އަޅުގަނޑުމެން ދެ ގައުމުން ގުޅިގެން ވިޔަފާރީގައި ކުރިއަށް ދެވޭނެ ގިނަ ދާއިރާތަކެއް އެބަހުރި،" މިނިސްޓަރު ވިދާޅުވީ އެފަދަ ދާއިރާތައް ދެނެގަތުމަށްޓަކައި ރާއްޖެއާއި ސްރީލަންކާގެ މާހިރުން އެކުލެވޭ ޓެކްނިކަލް ޓީމެއް އެކުލަވާލުމަށް ބޭނުންވާ ކަމަށެވެ.
މިއަދުގެ ވިޔަފާރި މަޝްވަރާތަކުގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ބައިވެރިވެވަޑައިގަތެވެ. އަދި މި ބައްދަލުވުމަށް ރާއްޖެއިން ވިޔަފާރިވެރިންގެ ވަފުދެއްވެސް ރައީސް އަރިހުގައި ލަންކާއަށް ވަޑައިގަތެވެ.