ހދ. ކުޅުދުއްފުށީގައި ރޭ ދަންވަރު ކާރެއްގައި އަލިފާން ރޯކޮށްލައި ބޭނުން ނުކުރެވޭ ވަރަށް އަންދާލައިފި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލު ވިދާޅުވީ ކުޅުދުއްފުށީގައި ޓެކްސީ ކުރަމުން އައި، އެ ކާރުގައި އަލިފާން ރޯވި ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެ މައްސަލައިގައި ތުހުމަތުކުރެވިގެން މިހާތަނަށް އެއްވެސް ފަރާތެއް ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. މައްސަލަ ބަލަމުން އަންނާތީ އިތުރު ތަފުސީލު ދެވެން ނެތްކަމަށް ވެސް ފުލުހުން ބުންޏެވެ.

ކުޅުދުއްފުށީގައި އަލިފާން ރޯކޮށްލާފައި ވަނީ އެރަށު ވެނީލާގޭ އަބްދުﷲ އާދަމް ޓެކްސީ ކުރަން ގެންގުޅޭ ކާރެކެވެ. އެ ކާރުގައި ހުޅު ޖަހާފައި ވަނީ ރޭ ދަންވަރު ގާތްގަނޑަކަށް 2:00 ޖެހި އިރު އެވެ.

އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނީ ކާރުގައި ބަޔަކު ގަސްދުގައި އަލިފާން ޖެހީ ކަމަށާއި އަލިފާން ރޯކޮށްލާފައި ވަނީ އެކާރަށް ބަޔަކު ގެއްލުންދީ އޭގެ ވިންޑް ސްކުރީން ތަޅާލުމުން ހަދަން އެރަށުގެ ގަރާޖަކަށް ވައްދާފައި އޮއްވާ ކަމަށެވެ.