(ކޮލޮމްބޯ، ސްރީލަންކާ): ސަރުކާރުން ބޭނުންވަނީ އިގްތިސާދާއި ވިޔަފާރީގެ ފައިދާ މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ހަމަހަމައަށް ލިބިގެން ދިއުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ކޮލޮމްބޯގައި މިއަދު ފެށި ރާއްޖެއާއި ސްރީލަންކާގެ ވިޔަފާރިވެރިންގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ގަބޫލުކުރަނީ އިގްތިސާދީ ކުރިއެރުމުގެ އެންމެ މައިގަނޑު ދައުރެއް އަދާކުރަނީ ޕްރައިވެޓް ސެކްޓަރުގެ ވިޔަފާރިތަކުން ކަމަށެވެ.

"އަޅުގަނޑު ޔަގީންކަން އަރުވަން، ރާއްޖެ އަބަދުވެސް އޮންނާނީ ވިޔަފާރިއަށް ހުޅުވާލެވިފައި. ފޮރިން އިންވެސްޓްމެންޓަށް އަޅުގަނޑުމެން އަބަދުވެސް މަރުހަބާ ކިޔާނަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއާއި ސްރީލަންކާއަކީ ހަލުއި ދުވެލީގައި ކުރިއަރަމުން އަންނަ ދެ އިގްތިސާދެއް ކަމަށާއި، ދެ ގައުމުން ބަރޯސާވަނީ އެއްކަހަލަ އިގްތިސާދީ ދާއިރާތަކަށާއި، ކުރިމަތިލަނީ އެއްކަހަލަ ގޮންޖެހުންތަކަކާ ކަމަށެވެ. އަދި ދެ ގައުމުން ގުޅިގެން ވިޔަފާރި ކުރެވޭނެ ގިނަ ދާއިރާތަކެއް އަދިވެސް އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ވިޔަފާރި އިތުރުވެ، ލިބޭ އިގްތިސާދީ ފައިދާ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް އެއްހަމައަކަށް ލިބިގެން ދާނެކަން އަޅުގަނޑުމެންގެ ސަރުކާރުން ކަށަވަރު ކުރާނެކަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

އެކަމަށް ބާރު ދެއްވަމުން ރައީސް ވިދާޅުވީ މާލެއިން ބޭރުން އަތޮޅުތައް ދަތުރުފަތުރުގެ ނިޒާމުތަކުން ގުޅާލައި، އާބާދީ ބޮޑެތި ރަށްރަށުގައި އިންފްރާސްޓްރަކްޗަރާއި އިންސާނީ ވަސީލަތް ގާއިމުކުރަމުން ގެންދާކަމަށެވެ. "މީގެ އިތުރުން މުޅި ރާއްޖޭގައި ބޭންކިންގް ފެސިލިޓީސް އިތުރަށް ގާއިމުކޮށް، ރައްޔިތުންނަށް ފަސޭހައިން ކްރެޑިޓް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައި، އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރާނެ މާހައުލެއް ގާއިމުކުރާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން މިހާރަށްވުރެ ވެސް އިތުރުކުރުމަށް ރާއްޖެއިން ބޭނުންވާ ކަމަށެވެ. އަދި އެ ގުޅުންތައް އިތުރުކުރެވޭނެ އިތުރު ދާއިރާތަކެއް އެބަހުރިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ތިޔަ ބޭފުޅުންނަށް ދައުވަތު އަރުވަން ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތަކުގެ ބަލައި، އޭގެ ބޭނުން ހިފުމަށް،" ސްރީލަންކާގެ ވިޔަފާރިވެރިންނަށް ރައީސް ސޯލިހު މިއަދު ވިދާޅުވިއެވެ.