ކެންސަރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އިން ތަޢާރަފުކުރާ "އެކްޓިވް ވާކްޕްލޭސް" ހަރަކާތްތައް އިފްތިތާހްކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އެކަމަށް ޓަކައި ބޭއްވި ހާއްސަ ހަފުލާއެއްގައި އެ ހަރަކާތްތައް އިފްތިތާހްކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.

އެ ހަރަކާތް އިފުތިތާޙު ކުރުމަށް ބޭއްވި ހަފުލާގައި ފައިސަލް ވިދާޅުވީ ދުނިޔޭގެ ކެންސަރުބަލީގެ ދުވަސް ފާހަގަކުރަމުންދާ އިރު ވިސްނާލަން ޖެހޭ ވަރަށް ބައިވަރު ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އެ ބަލިޖެހެމުންދާ މީހުން އިތުރުވަމުން އަންނާތީ އެބަލިން ސަލާމަތްވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.

އެގޮތުން ފައިދާހުރި ކާނާ ކެއުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ޓަކައި ކޮންމެ ދުވަހަކު ކަސްރަތުކޮށް ހެލިފެލިވެ އުޅުމަށާއި ސިއްހަތަށް ގެއްލުން ހުރި ކަންކަމުން ދުރުހެލިވުމަށް އިލްތިމާސް ކުރެއްވި އެވެ. އަދި ކެންސަރަށް މަގުފަހިވާ އަމަލުތަކުގެ ތެރޭގައި ހިމެނޭ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލި ވުމަށާއި ޒުވާނުން އެކަމުން ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަށް ވެސް އެމަނިކުފާނު ގޮވާލެއްވެވި އެވެ.

ދުޅަހެޔޮ ހަށިހެޔޮ މުޖުތަމަޢެއް ބިނާ ކުރުމަކީ ސަރުކާރުގެ މުހިންމު ވަޢުދެއްކަން ފާހަގަކުރައްވައި އެކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަރަށް އިސްކަމެއްދެއްވާ ކަމެއްކަމުގައި ވެސް ވިދާޅުވި އެވެ. އަދި އެކަމުގައި ރައީސް އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވާކަން ފައިސަލް ފާހަަގަކުރެއްވި އެވެ.