ޖެނުއަރީ މަހު ދައުލަތަށް ލިބުނު އާމްދަނީ 1.5 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސް ހިސާބުތައް ދައްކާގޮތުން ފެބުރުއަރީ މަހުގެ ދެވަނަ ދުވަހާ ހަމައަށް މި އަހަރު ލިބުނު އާމްދަނީ އަކީ 1.5 ބިލިއަން ރުފިޔާ އެވެ. އޭގެތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބުނު 1.13 ބިލިއަން ރުފިޔާ އާއި އެހެނިހެން އާމްދަނީގެ ގޮތުގައި ލިބުނު 4.3 މިލިއަން ރުފިޔާ އެވެ.

ވޭތުވެ ދިޔަ މަހުގެ އާމްދަނީ ވަނީ ކުރި ހަރަދަށް ވުރެ އިތުރުވެފަ އެވެ. މިދިޔަ މަހު ދައުލަތުން ހަރަދުކޮށްފައި ވަނީ 1.2 ބިލިއަން ރުފިޔާ އެވެ. އެއީ ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް 767.7 މިލިއަން ރުފިޔާ އާއި އެހެނިހެން ހަރަދުތައް ވެސް ހިމެނޭ ގޮތަށެވެ.

މިދިއަ މަހު ސަރުކާރުގެ ދަތުރުތަކުގެ ހަރަދަށް 11.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެޑްމިނިސްޓްރޭޓިވް ސާވިސްއަށް 84 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ތަރައްގީގެ މަޝްރޫއުތަކަށް 48.7 މިލިއަން ރުފިޔާ މިދިޔަ މަހު ވަނީ ހަރަދުކޮށްފަ އެވެ. އަދި ޕަލިކް ސެކްޓާ އިންވެސްޓްމެންޓަށް 10.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ދައުލަތަށް މިއަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ އަކީ 23 ބިލިއަން ރުފިޔާ އެވެ. ދައުލަތަށް ފާސްކޮށްފައި ވަނީ 30 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.