ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތ. ގުރައިދޫ ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލައްވާ މުހައްމަދު ޣައްސާން މައުމޫނާ ދެކޮޅަށް ވާދަ ކުރައްވާ ކެންޑިޑޭޓަކަށް ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން ތާއީދު ކުރައްވަން ނިންމަވައިފި އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހު ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ޣައްސާންއަށް ޕީޕީއެމްގެ ޓިކެޓު ދެއްވައިފަ އެވެ.

ޣައްސާންއާ ދެކޮޅަށް ގުރައިދޫ ދާއިރާއަށް ވާދަ ކުރައްވާ އެއް ކެންޑިޑޭޓަކީ މުހައްމަދު އިބްރާހިމް މަނިކެވެ. މުހައްމަދު އިބްރާހިމް މަނިކު ކެމްޕެއިން ކުރައްވަމުން ގެންދަވަނީ ރައީސް މައުމޫންގެ ނަންފުޅު ބޭނުން ކުރައްވައިގެންނެވެ.

މިއަދު ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ ތާއީދު މުހައްމަދު އިބްރާހިމް މަނިކަށް އޮތްކަން ހާމަކުރައްވައި އޭނާއަށް މަރުހަބާ ވިދާޅުވެ، ކާމިޔާބީއަށް އެދިވަޑައިގެން ޓްވީޓު ކުރައްވައިފަ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައ،ި ބައްޕާފުޅު މައުމޫންގެ އިތުރުން ބޭބޭފުޅު އަހުމަދު ފާރިސް މައުމޫނާއި، ދައްތާފުޅު ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ހައްޔަރުކުރި އިރު ވެސް ޣައްސާން ހުންނެވީ ރައީސް ޔާމީންގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގަ އެވެ. އޭނާ އެއްވެސް އިރެއްގައި އާއިލާގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފައެއް ނުވެ އެވެ.

ޣައްސާން ރައީސް ޔާމީންގެ ތާއީދާ އެކު ގުރައިދޫ ދާއިރާއަށް ވާދަ ކުރައްވާ އިރު، ބޭބޭފުޅު ފާރިސް ވަނީ ރައީސް މައުމޫންގެ ތާއީދާ އެކު މައްޗަންގޯޅި އުތުރު ދާއިރާއަށް ވާދަ ކުރައްވަން ނިންމަވައިފަ އެވެ.