09 Oct 2011, 10:16
މި އަހަރު ނޮވެމްބަރު މަހު އައްޑޫ ސިޓީގައި ބާއްވާ "މިސްޓާ އެމްއެންޑީއެފް" މުބާރާތުގެ ސްޕޮންސަރުންނާ އެކު ދިވެހި ސިފައިންގެ ކުލަބުން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ރޭ ސަލްސާ ރޯޔަލް ރެސްޓޯރެންޓުގައި ބޭއްވި ޙަފުލާގައި ސިފައިންގެ ކުލަބުން ވަނީ މުބާރާތުގެ މެއިން ސްޕޮންސާ އާއި ކޯ ސްޕޮންސަރުންނާއި ސަޕޯޓިން ޕާޓްނަރުންނާއި އިވެންޓް މެނޭޖަރު، އަދި މީޑިއާ ޕާޓްނަރުންނާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
މިގޮތުން މިމުބާރާތުގެ މެއިން ސްޕޮންސާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އާއި ކޯ ސްޕޮންސަރުން ކަމަށްވާ ގަލްފް ކްރާފްޓް ސާވިސަސް، ވިސްޓާ ޓްރޭޑް، ހެޕީ މާކެޓް، އަދި އިވެންޓް މެނޭޖާ ހައިރައިސް އާއި ދެމެދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މީގެ އިތުރުން މިމުބާރާތުގެ ސަޕޯޓިން ޕާޓްނާސްގޮތުގައި ހަމަޖެހިފައިވާ ރޭމްޕް، ބޭވޮޗް ސްޓައިލް، ސޮނީ ސްޕޯޓްސް، މޯލްޑިވިއަން، މިޔުޒިކު ވޯލްޑް، އަދި މުނި ހޯމް ކެއާ އާއި ދެމެދު ވެސް ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މިމުބާރާތުގެ މީޑިއާ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ ދި ޓީވީ އާއި އެމްއެންބީސީ ވަން އެވެ.
ސިފައިންގެ ކްލަބުގެ ފަރާތުން މިއެއްބަސްވުންތަކުގައި ސޮއިކުރައްވާފައި ވަނީ ކުލަބުގެ ރައީސް ކާނަލް މުޙައްމަދު ޒިޔާދު އަދި ކުލަބުގެ ޖެނެރަލް ސެކްޓްރީ ކެޕްޓަން އަޙުމަދު ޝަރީފު އެވެ.
މިޙަފުލާގައި ވާހަކަފުޅުދައްކަވަމުން ދިވެހި ސިފައިންގެ ކުލަބުގެ ރައީސް ކާނަލް މުޙައްމަދު ޒިޔާދު ވިދާޅުވީ ޝޯ ޙަގީގަތަކަށް ހެދުމަށް ސްޕޮންސަރުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި މިޝޯ ސިފަކުރައްވަނީ ސޮޕޮންސަރުން ރައްޔިތުންނަށްދޭ ހަދިޔާއެއްގެ ގޮތުގައި ކަމަށެވެ.
މީގެ އިތުރުން، ސްޕޮންސަރުންގެ ފަރާތުން އެހީތެރިކަން އެމްއެންޑީއެފްއަށް ލިބިއްޖެ ނަމަ މިސްޓާ އެމްއެންޑީއެފް ނޫނަސް ރައްޔިތުންނަށް ފައިދާ ހުރި ވަރަށް ގިނަ ޕްރޮގްރާމަތައް އެމްއެންޑީއެފް އާ ގުޅިގެން ހިންގިދާނެ ކަމަށާއި އަދި ކުރިމަގުގައި އެފަދަ އެހީތެރިކަން ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.