އިންޑިއާ އިން ރާއްޖޭގައި ހަރުކުރުމަށް ނިންމި ރާޑަރުތަކުގެ މަސައްކަތް ފަށައިފި އެވެ.

އިންޑިއާގެ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަނަލް އަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ރާޑަރުތައް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

ޝަމާލް ވިދާޅުވީ ރާއްޖެއިން އެންމެ ބޮޑަށް އިސްކަންދެނީ އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ކަމަށާއި އަދި މިއީ އިންޑިއާ އަށާއި ރާއްޖެއަށް ވެސް ވަރަށް މުހިންމުކަމެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށް މަސްތުވާތަކެއްޗާއި ވަގަށް އެތެރެކުރާ އެހެން ތަކެތި ހުއްޓުވުމަށް ކޯސްޓަލް ރާޑަރު ސިސްޓަމް ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

އަދި އެ ރާޑަރު ސިސްޓަމްތައް ބެހެއްޓުމަށް މީގެ 10 ވަރަކަށް އަހަރު ކުރިން ވާހަކަތައް ދެކެވުނު ކަމަށާއި އެހެންނަމަވެސް އެކަން ފަހަކަށް އައިސް މަޑުޖެހިފައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރު އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މިދަނީ ދެވަނަ ފޭސްގެ މަސައްކަތް. މިހާރު 10 ރާޑަރުތައް ބެހެއްޓުމަށް މި ދަނީ މަސައްކަތް ކުރަނީ. އެ ހުރިހާ ރާޑަރުތަކެއް އެއް ސެންޓަރަކަށް ގުޅާލުމަށް މިދަނީ މަސައްކަތް ކުރަމުން." އޭނާ ވިދާޅުވި އެވެ.

ޝަމާލް ވިދާޅުވީ މިވަގުތު ވާހަކަ ދެެކެވެފައި އޮތީ އެންމެ 10 ރާޑަރު ސިސްޓަމްތައް ބެހެއްޓުމަށް ކަމަށެވެ.

އިންޑިއާއިން ދަނީ ރާޑަރު ސިސްޓަމްތައް ބެހެއްޓުމަށް މިޔަންމާ، އިންޑޮނޭޝިއާ އަދި ބަންގްލަދޭޝްއާ އެކު ވެސް މަޝްވަރާތައް ކުރަމުންނެވެ.

ރާޑަރު ސިސްޓަމްތައް ބެހެއްޓުމަށް ނިންމި އިރު ދާދި ފަހުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ އިންޑިއާ އަށް ރަސްމީ ދަތުރެއް ވެސް ކުރައްވައިފަ އެވެ. އަދި އެ ދަތުރުގައި އެ ސިސްޓަމްތައް ބެހެއްޓުމާ ބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ.