09 Oct 2011, 10:28
މާލޭގެ ގެއަކުން ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކަކާއި މަސްތުވާތަކެއްޗާ އެކު ތިން މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ޑްރަގް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މި މަހުގެ ތިން ވަނަ ދުވަހުގެރޭގެ ދަންވަރުގެ ވަގުތެއްގައި މާލޭގެ ގެއަކަށް ގޮސް ޗެކް ކުރިއިރު އެގޭގެ ކޮޓަރިއެއްގެ ތެރެއިން 12 ކޭސް ބިޔަރާއި 29 ބިޔަރު ދަޅުފެނިފައިވާ ކަމަށެވެ. އަދި ހަމަ ބިޔަރު ހުސްކޮށްފައި ހުރި ދަޅަކާއި އެއް ބަނގުރާ ފުޅި ފެނިފައިވާ ކަމަށެވެ. މީގެ އިތުރުން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ 17 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ގެއަށް ފުލުހުންގެ ޓީމެއް ދިޔަ ވަގުތު އެގޭ ކޮޓަރިއަކުން ދެމީހުން ނިކުމެގެން ދަނިކޮށް ފުލުހުންނަށް ފެނިގެން ހިފަހައްޓައި އެ ކޮޓަރީގެ ދޮރު ހުޅުވަން އަންގައި ދޮރު ނުހުޅުވުމުން ދޮރުވައްޓާލައިގެން އެކޮޓަރިއަށް ވަނުމާއެކު އެކޮޓަރި ތެރޭގައި އެވަގުތު ތިބި އިތުރު ދެމީހަކު އެ ކޮޓަރީގެ ކުޑަ ދޮރަކުން ޖެހިގެން ހުރިގޭ ފުރާޅުމައްޗަށް ފުންމާލައިގެން ފިލި ކަމަށެވެ.
އަދި ފިލި ދެމީހުންގެ ތެރެއިން އެކަކު އޭގެ ކުޑައިރުކޮޅެއް ފަހުން އެކޮޓަރިއަށް އައުމުން އޭނާ ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ނަމަވެސް ފިލި ދެވަނަ މީހާ ހައްޔަރު ކުރި ކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން ކަށަވަރު ކޮށެއްނުދެ އެވެ. އަދި ހައްޔަރު ކުރި އެއްވެސް މީހެއްގެ ވަނަވަރެއް ފުލުހުން މިހާތަނަށް ހާމަކޮށްފައި ނުވާއިރު އެމީހުން ހައްޔަރު ކުރީ ކޮންގެއަކުން ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.