04 Feb 2019, 11:52
ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އައިޖީއެމްއެޗު ކައިރީގައި ހަދަން ފެށި ދަރުމަވަންތަ ހޮސްޕިޓަލް އަންނަ އޭޕްރީލް މަހު ހުޅުވުމަށް ނިންމާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މުހައްމަދު މުފީދު މިއަދު ސަން އަށް ވިދާޅުވީ އޭޕްރީލް މަހުގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވަން ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް އަދި ހުޅުވާނެ ސީދާ ތާރީހެއް ކަނޑަނާޅާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
11 ޖުލައި 2018: ދަރުމަވަންތަ ހޮސްޕިޓަލްގެ އެތެރެ: ސެޕްޓެމްބަރު މަހު މި ހޮސްޕިޓަލުގެ ބައެއް ޚިދުމަތްތައް ފެށޭވަރުވާނެ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މުފީދު ވިދާޅުވީ އެ ހޮސްޕިޓަލް ހުޅުވާއިރު ފުރަތަމަ ހުޅުވާނީ ފުރަތަމަ ހަތަރު ފަންގި ފިލާ ކަމަށެވެ. އަދި އެކަމާ ގުޅޭ މަސައްކަތްތައް ޝެޑިއުލާ އެއްގޮތަށް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ހޮސްޕިޓަލުގެ އިމާރާތް ކުރުމުގެ މަސައްކަތް ނިމިފައިވާ އިރު، މިހާރު ކުރިއަށް ދަނީ އެތަނަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓްތަކާއި އަދި ފަރުނީޗަރުތައް ބެހެއްޓުމުގެ މަސައްކަތެެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށް ދަނީ--- ފޮޓޯ: އަހުމަދު އަޗުޝަން އިލްޔާސް
ދަރުމަވަންތަ ހޮސްޕިޓަލަކީ 500 އެނދުގެ ހޮސްޕިޓަލަކެވެ. އެ އިމާރާތަށް ދައުލަތުގެ ބަޖެޓުން 140 މިލިޔަން ޑޮލަރު (2.1 ބިލިޔަން ރުފިޔާ) ވަނީ ހަރަދުކޮށްފަ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލަށް ބޭނުންވާ ހިދުމަތްތައް ފުޅާކޮށް އެ ހޮސްޕިޓަލަށް ބޭންވާ މެޝިނަރީސް ހޯދުމަށް ބަޖެޓްގައި 818 މިލިއަން ރުފިޔާ ހިމަނައިފި އެވެ.