04 Feb 2019, 11:24
ސްރީ ލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓް ސަރަހައްދުގައި ހުއްދަ ނެތި ޑްރޯން އެރުވުމުން ހައްޔަރު ކުރި ހަތަރު ދިވެހިން ދޫކޮށްލައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރާއި 23 އަހަރާ ދެމެދުގެ ހަތަރު މީހުންނެވެ. މީގެ ތެރޭގައި އަންހެނަކުވެސް ހިމެނެއެވެ.
އެ ހަތަރު މީހުންނަކީ ސްރީލަންކަން އެއާލައިންސް އިން ހިންގާ އޭވިއޭޝަން ޓްރެއިނިން އިންސްޓިޓިއުޓެއް ކަމަށްވާ ސްރީލަންކަން އޭވިއޭޝަން ކޮލެޖުގެ ދަރިވަރުންތަކެކެވެ.
ހަތަރު ދަރިވަރުން ދޫކޮށްލިކަން،، ސްރީލަންކާގައި އުޅޭ ދިވެހި ދަރިވަރުންގެ ޖަމިއްޔާ ލަޔަން ސިޓީ ސްޓޫޑެންޓްސް ކޮމިޓީގެ ރައީސް މުހައްމަދު ސަވްވާން ވަނީ "ސަން"އަށް ކަށަވަރުކޮށްދީފައެވެ.
ޑްރޯން އެރުވުމުގައި އަމަލީ ގޮތުން ބައިވެރިވީ ދެ މީހެކެވެ އެ މީހުން ޑްރޯން އެރުވީ އެއާޕޯޓާ އެއް ކިލޯމީޓަރު ދުރުގައި ހުންނަ ،އެ މީހުން ދިރިއުޅޭ ގެއިންނެވެ. ފުލުހުން އެ މީހުން ހައްޔަރު ކުރީ ޑްރޯންގެ ފަހަތުން ގޮސްގެންނެވެ. އަދި ޑްރޯން އެރުވި ދެ މީހުންގެ އިތުރުން އެ ގޭގައި ދިރިއުޅޭ އިތުރު ދެ މީހަކުވެސް ހައްޔަރުކުރިއެވެ..
އިއްޔެ އެ މީހުން ކޯޓަށް ހާޒިރު ކުރި އިރު އޭގެ ތެރެއިން ޑްރޯން އެރުވި ދެ މީހުން ބަންދުގައި ބައިތިއްބަނއ ނިންމިއެވެ. އަފި އެ ގެއިން ހައްޔަރުުރި އިތުރު ދެ މީހުން ވަނީ ދޫކޮށްލައިފައެވެ. މި މައްސަލައިގެ ދެވަނަ އަޑުއެހުން ތާވަލުކޮށްފައި އޮތީ މާދަމާއަށެވެ.
އެނގިފައިވާ ގޮތުގައި އެ ހަތަރު މީހުން ދޫކޮށްލީ ވަނީ ސްރީލަންކާގެ މިނިވަންދުވަހުގެ ރަސްމިއްޔާތަށް މިހާރު ކޮލޮމްބޯއަށް ވަޑައިގެން އުޅުއްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިލެއްވުމުގެ މަތިންނެވެ.
އެ މީހުން ހައްޔަރުކޮށްފައި ވަނީ އެއާޕޯޓުގެ ހައި ސެކިއުރިޓީ ޒޯންގައި ޑްރޯނު އަރުވައިގެންނެވެ. ލަންކާގެ ގާނޫނުތައް ބުނާ ގޮތުން އެއްވެސް އެއާޕޯޓަކާ އަށް ކިލޯ މީޓަރު ކައިރިއަށް ޑްރޯންއެއް ނޭރުވޭނެއެވެ.
ލަންކާގެ ފުލުހުން އެ މީހުން ހައްޔަރުކޮށް ތުހުމަތުކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޒިޔާރަތާ ދިމާކޮށް ހަމަލާއެއް ރާވަން އުޅުނު ކަމަށެވެ.