04 Feb 2019, 10:35
ހުޅުމާލޭގެ އިރުމަތީ ފަރާތުގައި އޮންނަ ބީޗު ފްރޮންޓް ސަރަހައްދުގައި ރެސްޓޯރެންޓުތަކުން ޖަހާފައި ހުރި ގިނަ ހަޓުތަކާއި ބަހައްޓާފައި ހުރި ގިނަ ގޮނޑިތައް އެފަރާތްތަކުން ނަގައިފި އެވެ.
އާންމު ސަރަހައްދެއްގެ ގޮތުގައި އޮތް ހުޅުމާލޭ ބީޗާއި ހޭޅިފަށުގައި ރެސްޓޯރެންޓުތަކުން ހަޓު ޖަހައި މޭޒާއި ގޮނޑި ބަހައްޓައި ވިޔަފާރި ކުރަމުން ގެންދާތީ އެކަމުގެ ޝަކުވާ ގިނަ ބަޔަކު ވަނީ ކޮށްފަ އެވެ.
އެކަމާ ގުޅިގެން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މީގެ ކުރިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެ ސަރަހައްދަކީ އާންމު ސަރަހައްދެއް ކަމަށާއި އެ ސަރަހައްދުގައި ވިޔަފާރި ކުރުމަށް އެއްވެސް ފަރާތަކަށް ހުއްދަ ދީފައި ނުވާނެ ކަމަށެވެ. އަދި އެ ސަރަހައްދު މިދިޔަ ބުރާސްފަތި ދުވަހުގެ ކުރިން ހުސް ކުރުމަށް ވިޔަފާރިތަކަށް އެ ކޯޕަރޭޝަނުން ވަނީ އަންގައިފަ އެވެ.
ފެބްރުއަރީ 2، 2019: ހުޅުމާލެ ބީޗް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އިއްޔެގެ ނިޔަލަށް އެ ސަރަހައްދުގައި ހުރި ގިނަ ހަޓުތައް ނަގާފައިވީ ނަމަވެސް، އަދި ވެސް ބައެއް ހަޓުތައް ނަގާފައެއް ނުވެ އެވެ. އޭގެ އިތުރުން ގާތްގަނޑަކަށް 10 ވަރަކަށް ރެސްޓޯރެންޓުން އަދި ވެސް އެ ސަރަހައްދުގައި ގޮނޑި އާއި މޭޒު ބަހައްޓާފައި އެބަ ހުއްޓެވެ.
ހުޅުމާލޭ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ބީޗު ހުސްނުކޮށްފި ނަމަ އެޗްޑީސީ އިން އެތަންތަން ހުސް ކުރާނެ ކަމަށާއި ގަވާއިދާ ހިލާފަށް މަސައްކަތް ކުރިއަށް ގެންދާ ނަމަ ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ.
ފެބްރުއަރީ 2، 2019: ހުޅުމާލެ ބީޗް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެ ސަރަހައްދު ހުސް ކުރަން ދިން މުހައްދަތު ހަމަވިތާ ހަތަރު ދުވަސްވެފައިވީ ނަމަވެސް، ފިޔަވަޅު އެޅުމާ ބެހޭ ގޮތުން އެޗްޑީސީގެ ރަސްމީ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އެޗްޑީސީން ވަނީ ހުޅުމާލޭ ބީޗު ސަރަހައްދު ބޭނުން ކުރުމާ ގުޅޭ އުސޫލެއް އެކުލަވާލާނެ ކަމަށް ވެސް ދާދި ފަހުން ބުނެފަ އެވެ.