04 Feb 2019, 10:49
ކޮލޮމްބޯ އިން: މާހިލް މުހައްމަދު
ސްރީލަންކާގެ 71 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެން، ޝަރަފުވެރިކޮށްދެއްވައިފި އެވެ.
މިއީ ގައުމެއްގެ އެންމެ އިސް ވެރިއަކު ސްރީލަންކާގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ސްރީލަންކާއަށް ދާޚިލީ އަދި ސިޔާސީ މިނިވަންކަން ލިބިގެން ދިޔައީ 1948 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
ލަންކާގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު މިއަދު ބޭއްވީ ކޮލޮމްބޯގެ ގޯލް ފޭސް ގްރީން ޕްރޮމިނޭޑުގަ އެވެ. އެ ރަސްމިއްޔާތު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ވަޑައިގަތުމުން އެ ދެކަނބަލުންނަށް މަރުހަބާ ވިދާޅުވީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އެވެ.
ރައީސް ސޯލިހުގެ ދެކަނބަލުންގެ އިތުރުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް، ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދު އަދި ލަންކާގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުލްރައްޒާގު ބައިވެރިވެވަޑައިގެންނެވި އެވެ.
ރަސްމިއްޔާތު ފެށިގެން ދިޔައީ ލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ، ގޯލް ފޭސްގައި ލަންކާގެ ގައުމީ ދިދަ ނެންގެވުމާއެކުއެވެ. އެއާ އެކު އެގައުމުގެ ގައުމީ ސަލާން ކުޅެވިގެން ދިޔަ އެވެ. އަދި 21 ބަޑީގެ ސަލާމެއް ވެސް ވަނީ އަރުވައިފަ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ނެރުއްވި މެސެޖުގައި ވިދާޅުވީ އިސްތިއުމާރީ ބާރަށްވުރެ، އިސްތިއުމާރީ ފިކުރު ހުންނަ ބަޔަކަށް ގައުމުގެ މުސްތަގުބަލު ހަވާލުކުރުމަކީ މާ ބިރު ބޮޑު ކަމެއް ކަމަށެވެ.
"އެހެންކަމުން ގައުމުގެ މުސްތަގުބަލަށް ޓަކައި އަޅުގަނޑުމެން ބޭނުންވޭ ގައުމީ ސަގާފަތާއި އަސާސުތަކުގެ ރޫހު ހުރި މީހުން،"
ރައީސް ސިރިސޭނާ ވިދާޅުވީ ގައުމީ ކުރިއެރުވުމުގެ އެންމެ ބޮޑެތި ހަތުރުންނަކީ ފަގީރުކަމާއި ކޮރަޕްޝަން ކަމަށެވެ. އަދި މި ދެ ކަންތައް ގައުމުން މުޅިން ނައްތާލުމަކީ މިހާރުން މިހާރަށް ކުރަން ޖެހޭ ކަމެއް ކަމަށް ރައީސް ސިރިސޭނާ ވިދާޅުވި އެވެ.
ސްރީލަންކާގެ މިނިވަންދުވަހުގެ ރަސްމިއްޔާތު މިއަދު ހެނދުނު ނިމިފައިވާ އިރު، މިއަދު މެންދުރުފަހު ރާއްޖެއާއި ސްރީލަންކާގެ ވިޔަފާރިވެރިންގެ ބައްދަލުވުން އޮންނާނެ އެވެ. މި ބައްދަލުވުމަށް ރާއްޖޭގެ ފަރާތުން ދިވެހި ވިޔަފާރިވެރިންގެ ވަފުދެއްވެސް ވަނީ ރައީސްގެ އަރިހުގައި ލަންކާއަށް ވަޑައިގެންފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސްރީލަންކާއިން ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް އޮންނާނީ މާދަމާ އެވެ. އެގޮތުން، މާދަމާ ރައީސް ސިރިސޭނާއާ ރައީސް ސޯލިހު ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެ އެވެ.
ރައީސް ސޯލިހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާ ރެ އެވެ.