14:30


އައްޑު އަތޮޅު ގަމުގައި ހުންނަ ދޫގަސް ގެސްޓް ހައުސް ސިޓީ ހޮޓާ އެޅުމަށް އެމްވީކޭ މޯލްޑިވްސްއާ ހަވާލުކޮށްފައި ވަނީ ޓޫރިޒަމްގެ ޤާނޫނާ ހިލާފަށް ކަމަށް ބުނެ އެކަންތައް އެގޮތަށް ނުކުރެވޭނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޓްރާސްޕޯޓް މިނިސްޓްރީ އަށް އަންގައިފި އެވެ.


އޭސީސީން ބުނީ އައްޑު އަތޮޅާއި ފުއްވަމުލައް ހިމެނޭ ދެކުނު ޕްރޮވިންސްގެ ދަތުރުފަތުގެ ހިދުމަތް ދިނުމަށް ސަރުކާރުން 50 އަހަރަށް އެމްވީކޭ މޯލްޑިވްސްއާ ހަވާލުކޮށްފައި ވަނީ އެއަތޮޅު ގަމުގައި ހުންނަ ދޫގަސް ގެސްޓް ހައުސްއާއެކު ކަމަށާއި އެކަން ކުރިއަށް ގެންދިއުމުގައި ކޮރަޕްޝަންގެ ކަންތައްތަކައް ހިނގާފައިވާ ކަމަށް ބުނެ އެކޮމިޝަނަށް ހުށަހެޅުނު ޝަކުވާތަކަކާ ގުޅިގެން އެ ކޮމިޝަނުން ބެލިބެލުމުން ސަރުކާރުން ދޫގަސް އެމްވީކޭއާ ހަވާލުކުރުމުގައި ޤާނޫނާ ހިލާފު ކަންތައްތަކެއް ހިނގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ޓޫރިޒަމް ޤާނޫނުގެ ދަށުން ސިޓީ ހޮޓާ އެޅުމަށް ރަށެއް ނުވަތަ ބިމެއް ދޫކުރެވޭނީ މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރ އަށް އެބިން ހަވާލުކުރުމަށްފަހު އެ ޤާނޫނުގައިވާ ގޮތުގެ މަތީން ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށް އިޢުލާންކޮށްގެން، ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅި ފަރާތްތަކަށް ގިނަވެގެން 25 އަހަރު ދުވަހަށް ކުއްޔަށް ކަނޑައެޅިގެން ބުނެފައިވާއިރު ދޫގަސް ހިމެނޭ ސަރަހައްދު އެމްވީކޭ އަށް 50 އަހަރަށް ދޫކުރުމަށް ނިންމާފައިވަނީ ޓޫރިޒަމް ޤާނޫނާއި ޤާނޫނު އަސާސީއާ މާލިއްޔަތުގެ ޤާނޫނާވެސް ހިލާފަށް ކަމަށް ފާހަގަކުރެވޭ ކަމަށްވެސް އެސީސީން ބުނެ އެވެ.


އޭސީސީން ވަނީ ދޫގަސްގެސްޓް ހައުސް އެގޮތަށް ބަޔަކާ ހަވާލުނުކުރެވޭނެ ކަމަށާއި އެފަދަ ކަންތައްތައް ކުރުމުގައި ޤާނޫނުތަކާ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން އަމަލުކުރުމަށް މިމަހުގެ ތިން ވަނަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީއަށް އަންގާފަ އެވެ.


މީގެއިތުރުން ދެކުނު ޕްރޮވިންސްގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމުގައި އަމަލްކުރަމުންދާ އުސޫލަށް ބަލާއިރު އިތުރަށް ތަޙްޤީޤްކުރަންޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށާއި އެކަންތައްތައް ބަލަމުން އަންނަ ކަމަށްވެސް އޭސީސީން ވަނީ ބުނެފަ އެވެ.


މިކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.