ބުކިން ޑޮޓް ކޮމްގެ ގެސްޓް ރިވިއު އެވޯޑު 2018 ފުށިފަރު މޯލްޑިވްސްއަށް ލިބިއްޖެ އެވެ.

ބޫކިން ޑޮޓް ކޮމް އިން ކޮންމެ އަހަރަކު ދޭ ގެސްޓް ރިވިއު އެވޯޑަކީ އެ ވެބްސައިޓު ބޭނުން ކުރާ ފަތުރުވެރިން، އެ ވެބްސައިޓު މެދުވެރިކޮށް ބުކް ކުރާ ތަންތަން ރިވިއުކުރުމުން، އަހަރު ނިމޭ އިރު އެންމެ މަތީ އެވަރެޖް ސްކޯއެއް އޮންނަ ތަންތަނަށް ދޭ އެވޯޑެކެވެ. އެ އެވޯޑު މިހާރު ވަނީ ޖެހި ޖެހިގެން ހަތް އަހަރު ދީފަ އެވެ.

ޅ. ފުށިފަރުގައި މުނި އެންޓަޕްރައިޒުން ހިންގާ ފުށިފަރު މޯލްޑިވްސްއަށް ބުކިން ޑޮޓް ކޮމްގެ 2018 ވަނަ އަހަރުގެ ގެސްޓް ރިވިއު އެވޯޑު ލިބުނީ 10 އަކުން 9.2ގެ އިންޑެކްސް ސްކޯއަކާ އެކު އެވެ.

އެކަމާ ގުޅިގެން ފުށިފަރުގެ ޖެނެރަލް މެނޭޖަރު އަހުމަދު ސިއާރު ވިދާޅުވީ، އެ ރިސޯޓުން ފަތުރުވެރިންނަށް ފޯރުކޮށްދޭ، ހިދުމަތްތައް ފަތުރުވެރިން ބަލައިގަންނާތީ އުފާ ކުރާ ކަމަށެވެ. އަދި އެ ރިސޯޓުން މަސައްކަތް ކުރަނީ ކޮންމެ ފަތުރުވެރިއަކަށް ވެސް ހާއްސަ ހިދުމަތްތައް ދެވޭތޯ ކަމަށް އޭނާ ވިދާޅުވި އެވެ.

ސީޕްލޭނުގައި 35 މިނެޓުން ދެވޭ ފުށިފަރުގައި 11 ކޮޓަރީގެ ބީޗު ވިލާ ސަން ރައިޒް، 15 ކޮޓަރީގެ ބީޗު ވިލާ ސަންސެޓް، 8 ކޮޓަރީގެ ޕޫލް ބީޗު ވިލާ ސަން ރައިޒް، 10 ކޮޓަރީގެ ޕޫލް ބީޗް ވިލާ ސަންސެޓް އަދި ފަސް ވޯޓާ ވިލާގެ ރޫމް ހިމެނޭގޮތަށް ޖުމްލަ 49 ކޮޓަރި ހުރެ އެވެ.

ޅ. އަތޮޅުގެ އިރު އުތުރުގައި އޮންނަ ފުށިފަރު ކައިރީގައި ހިމާޔަތްކޮށްފައިވާ ސަރަހައްދެއް އޮވެ އެވެ. އަދި އެ ސަރަހައްދަކީ ފަތުރުވެރިންގެ މެދުގައި ޑައިވިންއަށް ދިޔުމަށް މަގުބޫލު ސަރަހައްދެކެވެ.