އެމިލިއާނޯ ސަލާ އަދި އޭނާގެ ޕައިލެޓް ދަތުރު ކުރި ބޯޓު އިންގްލިޝް ޗެނަލްގެ ކަނޑު އަޑިން ފެނިއްޖެކަން ކަމާ ބެހޭ އިދާރާތަކުން ޔަގީންކޮށްދީފި އެވެ.

އިނގިރޭސި ވިލާތުގެ ގާންސީގެ ފުލުހުން މިކަން ޔަގީން ކޮށްދެމުން ބުނެފައިވަނީ ސަލާ އަދި ޕައިލެޓް ދަތުރު ކުރި ބޯޓު ފެނިއްޖެ ކަމަށާއި ނަމަވެސް އެއްވެސް މީހެއްގެ ހަށިގަނޑު ފެނިފައި ނުވާ ކަމަށެވެ. ސަލާ އާއި އޭނަގެ ޕައިލަޓް މި ހާދިސާގައި މަރުވެފައިވާ ކަމަށް އިދާރާތަކުން މިހާރު ވަނީ ނިންމައިފަ އެވެ.

ކާޑިފް ސިޓީއާ އަލަށް ގުޅުނު ފޯވާޑް އެމިލިއާނޯ ސަލާ -- ފޮޓޯ / ފުޓްބޯލް365

ފުރާންސްގެ ނަންޓޭސް އިން އިނގިރޭސިވިލާތުގެ ކާޑިފް އަށް ދަތުރު ކުރަމުން ދިޔަ ޕައިޕާ މަލިބޫ ގެ ފުލައިޓް، އޭގަ ތިބި ދެމީހުން ކަމަށް ވާ އާޖެންޓީނާގެ ފުޓުބޯޅަ ކުޅުންތެރިޔާ އެމިލިއާނޯ ސަލާ އާއި އޭނަގެ ޕައިލަޓް ޑޭވިޑް އިބޮޓްސަން އާ އެކު މިިދިޔަ މަހުގެ 21 ވަނަ ދުވަހު ވަނީ ގެއްލިފަ އެވެ.

އެ ބޯޓުގެ ސިގްނަލް ކުއްލިޔަކަށް ގެއްލުނު ވަގުތުން ފެށިގެން އިނގިރޭސި ވިލާތުގެ އިދާރާތަކުން ވަނީ އެ ބޯޓު ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. އެގޮތުން ބޯޓު ގެއްލުނު ޗެނަލްގެ ބޮޑު ބައެއް ބަލައި ހޯދުމުން ސަލާއާއި އޭނާގެ ޕައިލަޓްގެ އިތުރުން އެ ދެ މީހުން ދަތުރު ކުރި ބޯޓުގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެ އެވެ. އަދި މީގެ ހަފްތާއެއް ހާ ދުވަސް ކުރިން އިނގިރޭސި ފުލުހުންނާއި އިދާރާތަކުން ވަނީ ސަލާ އާއި އޭނާގެ ޕައިލެޓް ހޯދުމުގެ މަސައްކަތް ހުއްޓާލައިފަ އެވެ.

ނަމަވެސް ދުނިޔޭގެ ފުޓްބޯޅަ އާއިލާގެ ގިނަ ބައެއްގެ އިތުރުން ސަލާގެ އާއިލާ އާއި ހެޔޮ އެދޭ ފަރާތްތަކުން ސަލާ ހޯދުމުގެ މަސައްކަތް ހުއްޓާލަން ބޭނުމެއްނުވި އެވެ. އެގޮތުން އަމިއްލަ ކުންފުންޏަކާ ގުޅިގެން ސަލާ ހޯދުމުގެ މަސައްކަތް އަލުން އަނބުރާ ވަނީ ފަށައިފަ އެވެ. މިކަމަށް ޓަކާއި ބޮޑު ހަރަދެއް ދިޔަ ނަމަވެސް ގިނަ ފުޓްބޯޅަ ކުޅުންތެރީންތަކެއްގެ އެހީއާ އެކު މިކަން ކުރާނެ ފައިސާ ވަނީ ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ލިބިފަ އެވެ.

ސަލާ ދަތުރު ކުރި ބޯޓު ފެނިފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި މިހާރު އެއާ އިންވެސްޓިގޭޝަން އިން ބޯޓު ފެނުނު ހިސާބަށް ގޮސް އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުން ދާ ކަމަށް ސަލާ ދަތުރު ކުރި ބޯޓު ހޯދުމާ މިހާރު ހަވާލުވެ ހުރި ޑޭވިޑް މިއާންސް ބުނެފައިވެ އެވެ.

މި ހިތާމަވެރި ހާދިސާއަށް ފަހު މުޅި ފުޓުބޯޅަ އާއިލާ ވަނީ ސަލާގެ އާއިލާއަށާއި އޭނައާ އެކު ދަތުރު ކުރި ޕައިލެޓުގެ އާއިލާއަށާއި ރައްޓެހިންނަށް ހަމްދަރުދީގެ ސިޓީތަށް ފޮނުވައިފަ އެވެ. އަދި ސަލާގެ ކުރީގެ ކުލަބާއި ފަހުން ބަދަލުވި ކުލަބު ކުޅުން މެޗު އޭނާ އަށް ވަނީ ހާއްސަ ކޮށްފަ އެވެ.