04 Feb 2019, 08:39
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް މަތީތައުލީމުގެ ކޯސްތައް ނުހިންގުމަށް އެ އޮތޯރިޓީއިން އާންމުކޮށް އަންގައިފިއެވެ.
އެ އޮތޯރިޓީއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ އޮތޯރިޓީއިން ކޮންމެ އެކަޑެމިކް ޕްރޮގްރާމްއަކަށް ހުއްދަ ދެނީ ޕްރޮގްރާމް ޑޮކިއުމަންޓް އެ އޮތޯރިޓީއަށް ހުށަހެޅުމަށްފަހު، އެ އޮތޯރިޓީގެ މިންގަނޑުތަކަށް ފެތޭ ގޮތަށް، އެ ޑޮކިއުމަންޓްގައި ވާގޮތަށް ކަމަށެވެ.
އެހެންނަމަވެސް އެ އޮތޯރިޓީން ހުއްދަދޭ ޕްރޮގްރާމްތައް ހިންގުމުގައި ޕްރޮގްރާމް ޑޮކިއުމަންޓްގައި ހިމެނޭގޮތަށް ހުއްދަ ދީފައިވާ ގޮތާ ހިލާފަށް އެ ޕްރޮގްރާމްތައް ހިންގާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ އޮތޯރިޓީން ހުއްދަދޭ ގޮތާ ހިލާފަށް މަތީ ތައުލީމުދޭ ބައެއް މަރުކަޒުތައް އިޝްތިހާރު ކުރާ ކަމުގެ ޝަކުވާވެސް ލިބޭކަމަށް އެމްކިއުއޭއިން ބުންޏެވެ.
މިންގަނޑުތަކާ ހިލާފަށް ކޯސްތައް ހިންގަމުންދާނަމަ އެ ޕްރޮގްރާމްތައް ނުހިންގުމަށް ކޮލެޖުތަކާއި ޔުނިވާސިޓީގެ އިންސްޓްޓިއުޝަންތަކަށް އެމްކިއުއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބުނީ އެފަދަ ގޮތަކަށް އަމަލުކުރަމުންދާނަަމަ އެ ޕްރޮގްރާމްތަކުގެ ހުއްދަ ބާތިލް ކުރަން ޖެހިދާނެ ކަަމަށެވެ.
އެމްކިއުއޭއިން ދާދި ފަހުން ބުނީ ކޯސްތައް އެޕްރޫވްކުރާއިރު ބައެއް ކަންތައްތައްތަކަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ. އެގޮތުން ދަރިވަރުންގެ ފެންވަރު ބެލުމަށް އެސައިމަންޓަށް ބަރޯސާވުން އިތުރުކަން ފާހަގަކުރެވޭ ކަމަށާއި ކުރިއަށް އޮތްތަނުގައި އެކަން ހައްލުކުރަން، ކޯސްތައް އެޕްރޫވްކުރާއިރު ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.