ރާއްޖޭގެ ލީޑިން ކޮލެޖެއް ކަމަށްވާ އެވިޑް ކޮލެޖުގެ އާ ވައިސް ރެކްޓާއަކަަށް ޑރ. އިބްރާހިމް ލަތީފް ހަމަޖައްސައިފިއެވެ.

އެވިޑް ކޮލެޖުގެ ސީނިއާ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަނުކުރުމަށް މިރޭ އެކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ވައިސް ރެކްޓާ ކަމުގެ މަގާމުގެ ލިޔުން ޑރ. އިބްރާހިމްއާ ހަވާލުކޮށްފައެވެ.

ޑރ. އިބްރާހިމް ވަނީ އެޑިއުކޭޝަންގެ ދާއިރާއިން ޕީއެޗްޑީވެސް ހާސިލްކުރައްވައިފައެވެ. އަދި އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް މޮނާޝްގައިވެސް އޭނާ ވަނީ 15 އަހަރު ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތްކުރައްވައިފައެވެ.

އެވިޑުން ވަނީ އެ ކޮލެޖު ޔުނިވާސިޓީގެ ސްޓޭންޑަޑަށް ގެންދިއުމުގެ ގޮތުން އެ ކޮލެޖުގެ ހިއުމަން ރިސޯސާސް އަދި ސްޓޫޑަންޓް ސާވިސާސްވެސް ދެ ޑިޕާޓްމަންޓްއެއްގެ ގޮތުގައި މިހާރު ކަނޑައަޅައިފައެވެ.

އަދި ކިޔަވައިދިނުމުގެ ވަކި ސްޓޭންޑެޑެއް ކަނޑައަޅައި އެކަން ވަރަށް އަވަހަށް ތަންފީޒް ކުރާނެކަމަށްވެސް އެ ކޮލެޖުން ބުންޏެވެ.

އެވިޑުން ބުނީ އެ ކޮލެޖުން އަރަބި ބަހާއި އަދި ޝަރީއާ އެންޑް ލޯ ވެސް ކިޔަވައިދިނުމަށް މިހާރު ތައްުޔާރުވަމުންދާ ކަމަށެވެ.