03 Feb 2019, 21:09
ގައުމީ އެއާލައިންސް މޯލްޑިވިއަންގެ ގިނަ ޕައިލެޓުންތަކެއް މާދަމާ އިން ފެށިގެން ޑިއުޓީއަށް ނުނިކުންނަން ނިންމައިފި އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް "ސަން"އާ ވާހަކަ ދެއްކި ޕައިލެޓަކު ބުނީ އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރު އޮފް ޕައިލެޓް އޮޕަރޭޝަންގެ މަގާމުގައި ހުންނެވި މުހައްމަދު އަމީންއާ ގުޅޭ ގިނަ މައްސަލަތަކެއް މީގެ ކުރިން ހުށަހަޅާފައިވީ ނަމަވެސް، އެ މައްސަލަތަކަށް ހައްލެއް ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން އޭނާ އިސްތިއުފާ ދެއްވަންދެން ނުވަތަ މަގާމުން ވަކިކުރަންދެން މާދަމާ އިން ފެށިގެން ޑިއުޓީއަށް ނުނިކުމެ އިހްތިޖާޖު ކުރަން ނިންމާފައިވާ ކަމަށް އޭނާ ބުންޏެވެ.
"ވަރަށް ސާފުކޮށް އަޅުގަނޑުމެން ދަންނަވަމުން މިގެންދަނީ ޑިރެކްޓަރު އޮފް ޕައިލެޓް އޮޕަރޭޝަން މުހައްމަދު އަމީން އިސްތިއުފާ ދެއްވާށޭ. އެހެންނޫނީ މިކަމެއް ނުހުއްޓޭނެ. ވަރަށް ހަޑިހުތުރު ބަހުން މުވައްޒަފުންނާ މެދު އޭނާ ވާހަކަ ދައްކަނީ. ވަރަށް ބޮޑަށް މުވައްޒަފުންނާ މެދު ތަފާތުކުރުންތައް އަމީން ގެންގުޅޭ،" "ސަން"އާ ވާހަކަ ދެއްކި ޕައިލެޓް ކިޔައިދިނެވެ.
އޭނާ ބުނީ މިރޭ ވެސް އިހްތިޖާޖު ކުރިއަށްގެން ދިޔަ ކަމަށާއި އެކަމުގައި ބައިވެރިވަނީ ހަމައެކަނި ދިވެހި ޕައިލެޓުން ކަމަށެވެ.
އެކަމުގެ ސަބަބުން މޯލްޑިވިއަންގެ ފްލައިޓު ޝެޑިއުލްތަކަށް ވެސް ބަދަލުތަކެއް ގެންނަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން މޯލްޑިވިއަން ހިންގާ، އައިލެންޑް އޭވިއޭޝަންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.