ސްރީލަންކާއާ ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ލަންކާގެ މިނިވަންދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދިނުމަށްޓަކައި ރައިސް މިހާރު ހުންނެވީ ސްރީލަންކާގައެވެ. އެ ދަތުރަށް އަލި އަޅުވާލައި، އެމަނިކުފާނު ވިދާޅުވީ އެ ދަތުރުގެ ސަބަބުން އިތުރަށް ދެ ގައުމުގެ ގުޅުން ބަދަހިވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ލަންކާގައި މިއަދު އެމަނިކުފާނު ވަނީ އެގައުމުގައި ދިރިއުޅޭ ދިވެހިންނާ ވެސް ބައްދަލުކުރައްވައިފައެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖެއަށް މިނިވަންކަން ހޯދައިދިނުމަށްވެސް އެންމެ ބޮޑަށް އެހީތެރިވެދިނީ ސްރީލަންކާއިން ކަމަށެވެ. އަދި އޭގެ އިތުރުން ރާއްޖެއިން ބޭރުގައި ތަމްސީލްކުރާނެ އޮފީހެއްވެސް އެންމެ ފުރަތަމަ ހުޅުވީ ލަންކާގައިކަން ރައީސްގެ ވާހަކައިގައި ވަނީ ފާހަގަކުރައްވައިފައެވެ.

" 1965 ފައި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމާއެކު އެއަަހަރުގެ ޖުލައި 26 ވަނަ ދުވަހު ސްރީލަންކާއިން ރާއްޖެއާއެކު ސިޔާސީ ގުޅުން ގާއިމްކުރި. ހަމަ އެދުވަހު ކޮޅުނބުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވިގެން ދިޔަ،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިންވެސް އަދި މިހާރުވެސް ރާއްޖެއާ ލަންކާގެ ގުޅުންތައް އޮތީ ވަރަށް ވަރުގަދައަށް ކަަމަށެވެ. އަދި ރާއްޖެއަށް ޑިމޮކްރަސީ އައި ދުވަސްވަރުވެސް އެކަމުގައި އުޅުނު ދިވެހިންނަށް ހިމާޔަތް ދިނީ ލަންކާއިން ކަމަށެވެ. އަދި ފާއިތވި ފަސް އަހަރުވެސް ރާއްޖޭގައި ޑިމޮކްރަސީއަށް ކުރިމަތިވި މައްސަލަތަކުގައިވެސް ބައިނަލްއަގުވާމީ ދުނިޔޭގެ ސަމާލުކަން ހޯދުމުގައި ސްރީލަންކާ ސަރުރާރުން އެހީތެރިވެދިން ކަމަށެވެ.