09 Oct 2011, 09:27
ޕޮލެންޑާއި ޔޫކްރޭންގައި 2012 ވަނަ އަހަރު ބާއްވާ ޔޫރޯ މުބާރާތުގެ ކޮލިފައިން ބުރުގެ ގްރޫޕް ޖީގައި ހުކުރު ދުވަހުގެ ރޭ މޮންޓެނީގްރޯ އިން އިނގިރޭސިން ހިފެހެއްޓި މެޗުގައި ފޯވާޑް ވޭން ރޫނީ އަށް ރަތް ކާޑު ދެއްކީ ހެނދުނު ބޮޑު ކުށަކުން ކަމަށް ބުނެ، ޓީމުގެ އެހެން ކުޅުންތެރިންނަށް ރޫނީ މަޢާފަށް އެދުނު ކަމަށް އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ފަބިއޯ ކަޕެއްލޯ ބުނެފި އެވެ.
ދިހަ ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ މޮންޓެނީގްރޯ އިން 2-2 ލަނޑުން އިނގިރޭސިން ހިފެހެއްޓި ނަމަވެސް އިނގިރޭސި ވިލާތް ވަނީ ޔޫރޯ އަށް ކޮލިފައިވެފަ އެވެ.
ހުކުރު ދުވަހުގެ ރޭ މޮންޓެނީގްރޯ އާއި ދެކޮޅަށް އިނގިރޭސިން ކުޅުނު މެޗުގެ 73 ވަނަ މިނެޓުގައި ރޫނީ އަށް ރަތް ކާޑު ލިބުނީ، ބޯޅަ ނެތިސް މޮންޓެނީގްރޯގެ މިއޮޑްރަގް ޑުޒޮވިޗަށް ހަމަލާ ދިނުމުން ނެވެ. މި ރަތް ކާޑުގެ ސަބަބުން ރޫނީ އަށް މިމުބާރާތުގެ ފުރަތަމަ މެޗު ގެއްލޭނެ އެވެ.
"ރޫނީ އަށް ހެދުނީ ބޮޑު ކުށެއް. އެއީ ރަތް ކާޑެއް. އެއެއް ދިފާޢެއް ނުކުރެވޭނެ. ޓީމުގެ އެހެން ކުޅުންތެރިންނަށާއި ސަޕޯޓަރުންގެ ކިބައިން އޭނާ މަޢާފަށް އެދޭ. އޭނާ އަކީ ތަޖުރިބާ ކާރު މޮޅު ކުޅުންތެރިއެއް. މުބާރާތުގެ ފުރަތަމަ މެޗުގައި ރޫނީ ހުންނަން ޖެހޭނީ ސަސްޕެންޝަނުގައި. މިއީ ޓީމަށް ލިބޭނެ ބޮޑު ގެއްލުމަކަށް ވާނީ. މިކަހަލަ މޮޅެތި އެހެން ކުޅުންތެރިންނަށް ވެސް މިކަހަލަ ކަންތައްތަކަކާ ކުރިމަތިލާން ޖެހޭ." ކަޕެއްލޯ ބުންޏެވެ.