03 Feb 2019, 18:00
ސްރީލަންކާގައި ދިރިއުޅޭ ދިވެހީންނަށް އަންނަ އޭޕްރީލް މަހުން ފެށިގެން އާސަންދަ ލިބޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ލަންކާގެ މިނިވަންދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދިނުމަށް ރައީސް އެގައުމަށް ކުރައްވެ ދަތުރުުގައި ދިވެހިންނާ މިއަދު ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ލަންކާގައި ދިރިއުޅޭ ދިވެހިން މިހާރު އެންމެ ބޮޑަށް ބޭނުންވަނީ އެގައުމުގައި އާސަންދައިގެ ހިދުމަތް ލިބުން ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އެޕްރީލް އެކެއްގައި އެކަން ހަމަޖެހިގެންދާނެ، އަދި އަވައްޓެރި އެހެން ގައުމުތަކުގައި އުޅުއްވާ ދިވެހިންނަށްވެސް ހަމަޖެއްސުމަށް އެގައުމުތަކުގައި ތިބި ކަމާބެހޭ ފަރާތްތަކާ މިއަންނަނީ މަސައްކަތް ކުރަމުން،" ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެންމެ ފަހުން ލަންކާއަށް ކުރި ޒިޔާރަތުގައިވެސް ގިނަ ބަޔަކު ސްޓޫޑަންޓް ލޯނުގެ ތަކުލީފުގެ ވާހަކަ ދެންނެވި ކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސްޓޫޑަންޓް ލޯނުގެ އިންޓަރެސްޓް މިހާރު ތިން ޕަސެންޓަށް ކުޑަކޮށް އަދި ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތުވެސް 25 އިންސައްތަ އަށް އިތިރުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަދި ސްޓޫޑަންޓް ލޯންގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ވެސް ލުއި ފަސޭހަތައް ވަރަށް އަވަހަށް ލިބިގެންދާނެ. ސަރުކާރުން މި ހޯދައިން ލުއިފަސޭހައިގެ ބޭނުން ހުރިހާ ދަރިވަރިންނާ ބެލެނިވެރިންވެސް ޒިންމާދާރުކަމާއެކީ ބޭނުންކުރުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް،" ރައީސް ސޯލިހް ވިދާޅުވިއެވެ.