އުރީދޫ އަދި ސްވިމް މޯލްޑިވްސް ގުޅިގެން ކުޑަކުދިންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމަކީ ނުރައްކާތެރި ހާލަތެއްގައި ކަންކުރަންވާ ގޮތް އުނގަންނައިދިނުމަށް، "ފަތާލަމާ" ސްވިމިންގް ކޭމްޕްގެ ނަމުގައި ފެށި ޕްރޮގްރާމެކެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ތަމްރީނު ޕްރޮގްރާމް ތަކުގައި، ވާދަވެރިކޮށް ފެތުމުގެ އުކުޅުތައްވެސް ދައްކުވައިދީ، ފެތުމުގެ ދާއިރާއަށް ނުކުތުމަށް ކުދިންގެ ޝައުގުވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާނެއެވެ.

ސްވިމް މޯލްޑިވްސް އިން ބ.އަތޮޅުގައި އިއްޔެ ފެށި "ބާ ކްރޯލް" ފެށުމުގެ ރަސްމިއްޔާތުގައި ފަތާލަމާ ސްވިމިން ކޭމްޕް ތައާރަފް ކޮށްދެއްވީ މިނިސްޓަ އޮފް ޓުއަރިޒަމް އަލީ ވަހީދާއި އުރީދޫގެ ޑައިރެކްޓަ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސެން ނިޔާޒު އަދި ސްވިމް މޯލްޑިވްސްގެ ފައުންޑަރު ހުސެން ޝަމީމެވެ.

މި ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ފުރަތަމަ ކޭމްޕުތައް ބާއްވަން ނިންމާފައިވަނީ ބ.އަތޮޅުގެ ހަތް ރަށެއްގައެވެ. އެ ރަށްތަކަކީ އޭދަފުށި، ދަރަވަންދޫ، ދޮންފަނު، ކިހާދޫ، ކުޑަރިކިލު އަދި ކެންދޫ އެވެ. އަދި ކުރިއަތް އޮތްތަނުގައި ރާއްޖޭގެ އުތުރާއި ދެކުނުގެ ގިނަ ރަށްރަށުގައި މި ކޭމްޕު ބާއްވަން ވަނީ ނިންމައިފައެވެ.

"އަޅުގަނޑުމެންގެ ރަށްތައް ވަށައިގެން ވަނީ ކަނޑު ކަމަށްވާއިރު، ދިވެހި ކުދިންނަށް ރަނގަޅަށް ފަތަން އެނގުމަކީ ވަރަށްވެސް މުހިއްމުކަމެއް. ހަމައެހެންމެ، ފެތުމުގެ މައިދާނުގައި ވާދަކުރަން ބޭނުންވާ ކުދިންނަށް ހިއްވަރުދީ، އެކުދިންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަގުފަހިކޮށްދޭން ޖެހޭ. ފަތާލަމާ ޕްރޮގްރާމް ތައާރަފްކޮށް، ރާއްޖޭގެ ތަޖުރިބާކާރު ފެތުމުގެ ކޯޗުންގެ ހުނަރުތައް ކުރިއަށްއޮތް ޖީލުތަކާއި ހަމައަށް ގެންގޮސްދިނުމަކީ، މި ޕްރޮގްރާމްތަކުގެ އެންމެ މުހިއްމު މަޤްޞަދު." އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސެން ނިޔާޒު ވިދާޅުވިއެވެ.

"މޫދަށްގޮސް، ފަތާ އުޅޭއިރު، ރައްކާތެރިކަން ހޯދުމަށް ބޭނުންވާ އަސާސީ ހުނަރުތައް އަޅުގަނޑުމެންގެ ކުދިންނަށް ދަސްކޮށްދިނުމަށްޓަކައި، އުރީދޫގެ ފަތާލަމާ ޕްރޮގްރާމަކީ ވަރަށް ބޭނުންތެރި ހަރަކާތެއް. އުރީދޫ އާއި އެކު، މި ޕްރޮގްރާމް ރާއްޖޭގެ އެކި ރަށްތަކުގައި ކުރިއަށްގެންދެވުމަކީ އަޅުގަނޑުމެން ވަރަށް އުފާކުރާކަމެއް. އަޅުގަނޑުމެންގެ އުންމީދަކީ މަސައްކަތުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެތުމަށް ލޯބި ކުރާ ކުދިން އުފެދި، މުސްތަޤްބަލުގައި ދިވެހިރާއްޖެ ތަމްސީލުކޮށްދޭނެ ހުނަރުވެރި ފެތުންތެރިން އުފެދިގެންދިއުން." ސްވިމް މޯލްޑިވްސްގެ ފައުންޑަރ ހުސެން ޝަމީމް ވިދާޅުވިއެވެ.

އުރީދޫ އިން ބުނީ ކަ ދުޅަހެޔޮ މުޖުތަމައު އެއް ބިނާ ކުރުމަށްޓަކައި އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.