ކުއާލަލަންޕޫރު (ފެބްރުއަރީ 3) : މެލޭޝިޔާއިން ކޮރަޕްޝަން ނައްތާލުމަށް ޓަކައި މިދިޔަ ހަފްތާގައި އިއްލާންކުރި ޕްލޭން ތަންފީޒުކުރުމަށް އިތުރު ގާނޫނުތަކާއި ގަވައިދުތައް ބޭނުންވާ ކަމަށާއި އެކަން ކުރުމަށް ތައްޔާރުވަމުންދާ ކަމަށް އެގައުމުގެ ބޮޑުވަޒީރު މަހާތީރު ބިން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި މަހާތީރު ވިދާޅުވީ މިދިޔަ ހަފްތާގައި އޭނާ އިއްލާން ކުރެއްވި ކޮރަޕްޝަން ނައްތާލުމުގެ ޕްލޭންގައި ހިމެނޭ ގިނަ ކަންކަން ތަންފީޒު ކުރެވޭނީ މިހާރުހުރި ބައެއް ގާނޫނުތަކަށް އިސްލާޙްތައް ގެނަސް އަދި އިތުރު ގާނޫނުތައް ހަދައިގެން ކަމަށެވެ. އަދި ސަރުކާރުގެ ލީގަލް އެޖެންޑާގެ ތެރެއިން އެކަން ކުރުމަށް މިހާރުވަނީ ތާވަލުކޮށްފަ އެވެ.

މީގެ އިތުރުން ގަވައިދުތަކަށް ވެސް ބޮޑެތި ބަދަލުތައް ގެނަސް ބައެއް ގަވައިދުތައް އަލުން ހަދަން ޖެހޭ ކަމަށާ އަދި ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް މަހާތީރު ވިދާޅުވި އެވެ. މިދިޔަ ހަފްތާގައި މަހާތީރު އިއުލާނުކުރެއްވި ކޮރަޕްޝަން ނައްތާލުމުގެ ޕްލޭން ބިނާކޮށްފައިވާ ކަންކަމުގެ ތެރޭގައި ސަރުކާރުގެ އިސް މަޤާމުތަކަށް ބޭފުޅުން އައްޔަންކުރުމުގައި މިހާރު ގެންގުޅޭ ސިޔާސަތުތައް ބަދަލުކުރުމާއި ޕާލަމެންޓް މެމްބަރުންނާއި ވަޒީރުންނާއި އެފެންވަރުގެ އެހެން މަގާމުތައް ލިބޭ ބޭފުޅުންގެ އެސެޓްތައް ފަދަ ހަރުމުދަލާއި އެބޭފުޅުންގެ އެކައުންޓްތަކުގައި ފައިސާ ހުރި މިންވަރާއި ލިބޭ އާމްދަނީ ޢާއްމުކޮށް އިއުލާން ކުރުން ހިމެނެ އެވެ.

މީގެއިތުރުން ކޭންޕޭން ކުރުންފަދަ ސިޔާސީ ކަންކަމަށް ބޭނުންވާ ފައިސާ ހޯދުމުގައި މިހާރު ބޭނުންކުރާ ގަވައިދުތަކާއި އުސޫލުތައް އިތުރަށް ހަރުދަނާކޮށް އެކަންކަމަށް އިތުރު ޤާނޫނުތައް ހެދުމާ އަދި ގާނޫނުތަކުގެ ތެރެއަށް ނުފެއްތޭ މުއާމަލާތްތައް ގާނޫނުތަކަށް ފެއްތުން ވެސް މި ފްލޭންގައި ހިމެނެ އެވެ.

މެލޭޝިޔާގައި މިދިޔަ އަހަރު ކުރީކޮޅު ބޭއްވި ޢާއްމު އިންތިޚާބުގައި އޭރު ބޮޑުވަޒީރު މުހައްމަދު ނަޖީބު އަބްދުއްރައްޒާޤަށް ނާކިޔާބީއާ ކުރިމަތިލާންޖެހުނު މައިގަނޑު ސަބަބަކީވެސް އޭނާގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ތުހުމަތުތައް ކަމަށްވަނީ ބެލެވިފަ އެވެ. މެލޭޝިޔާގެ ތަރައްގީއަށް އުފެއްދި ފަންޑް ކަމަށްވާ މެލޭޝިޔާ ޑިވެލޮޕްމަންޓް ބްރަހާދް ވަން އެމް.ޑީ.ބީ ން 4.5 ބިލިއަން ޑޮލަރު ވަގަށް ނެގި މައްސަލަ ފެންމަތިވުމާއެކު އެކަމުގައި ސީދާ ގޮތެއްގައި ބައިވެރިވި ކަމުގެ ތުހުމަތު ނަޖީބު ރައްޒާގް ގެ މައްޗަށްވަނީ ކުރެވިފަ އެވެ.

އިންތިޚާބު ނަޖީބަށް ނާކާމިޔާބުވެފައިވާއިރު އިންތިޚާބު ކާމިޔާބު ކުރައްވައިގެން ވެރިކަމަށް ވަޑައިގެންނެވި މަހާތީރުގެ ސަރުކާރުން ވަނީ ނަޖީބާއި އޭނާގެ އަނބިކަނބަލުންގެ އިތުރުން ނަޖީބުގެ ސަރުކާރުގެ ބައެއް އިސްވެރިންގެ ކޮރަޕްޝަންގެ މައްސަލަތައް ތަހްގީގްކޮށް އެބޭފުޅުންނާ ދެކޮޅަށް ޖިނާއީ ދަޢުވާތައްވެސް އުފުލާފައެވެ. ނަމަވެސް އެ ފަރާތްތަކުން ވަނީ މިކަމަށް އިންކާރުކޮށްފައެވެ.

މަހާތީރު އިއްލާން ކުރެއްވި މެލޭޝިޔާއިން ކޮރަޕްޝަން ނައްތަލުމުގެ ޕްލޭންގައި ޝަރުޢީ ދާއިރާގެ އިތުރުން މުޅި ދައުލަތަށް ތަކެތި ގަތުމާބެހޭ ސެންޓްރަލް ޕްރޮކިއުމަންޓާއި ޓެންޑަރ ނިޒާމުންނާ އަދި ވަކިވަކި އޮފީސްތަކުން ޚިދުމަތްތައް ހޯދާ ލިބިގަތުމަށް ކުރާ މާލީ ހުރިހާ މުއާލަމާތްތަކުންވެސް ކޮރަޕްޝަން ނައްތާލުމަށް މަސައްކަތް ކުރުން ހިމެނިފައިވެ އެވެ. ނަމަވެސް މި ޕްލޭން ތަންފީޒު ކުރެވޭނީ ކިހާވަރަކަށް ކަމާމެދުވަނީ ސުވާލު އުފެދިފަ އެވެ. (ނޫސްއެޖެންސީތައް)