03 Feb 2019, 12:59
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެހުންނަވާ އުފައްދަވަން ނިންމާފައިވާ "މޯލްޑިވްސް ރީފޯމް މޫވްމަންޓް" (އެމްއާރުމް) އުފެއްދުމަށް އަންނަ ހަފުތާގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ނިންމައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައީސް މައުމޫން ވަނީ ސިޔާސީ މައްސަކަތް ކުރުމަށް އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމާފައިވާ ކަން އިއުލާން ކުރައްވައިފަ އެވެ.
މައުމޫންގެ އަރިސް ބޭފުޅެއްކަމަށްވާ އަބްދުލް އަލީމް މިއަދު "ސަން" އަށް ވިދާޅުވީ، މިހާރު ކުރަމުން ދަނީ ކޯޓުން ސާފުކުރަން ޖެހޭ ކަންކަން ކަމަށާއި ލިޔެކިޔުންތައް ލިބުމުން އަންނަ ހަފުތާގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަަމަށެވެ.
"މިއަދު ކޯޓުން ސާފު ކުރަން ޖެހޭ ކަންތައް ސާފު ކުރުމަށް ވަނީ ހުށަހަޅަފައި، ބުރާސްފަތު ދުވަހު އެ ލިޔުންތައް ލިބުމުން މި ބަލަނީ އަންނަ ހަފުތާގައި ޕާޓީ ރަޖިސްޓްރީ ކުރުމަށް ހުށަހެޅުމަށް." އަލީމް ވިދާޅުވި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މައުމޫން ވިދާޅުވީ، އާ ސިޔާސީ ޕާޓީ ހައްދަވަން މަސައްކަތް ފެށީ ސުޕްރީމް ކޯޓުން ޕީޕީއެމްގެ ދެ މައްސަލައިގެ ތެރެއިން އެއް މައްސަލަ އަށް މިހާރު ގޮތެއް ނިންމާފައި ވާތީ، އެޒާތުގެ އެފަދަ އެހެން މައްސަލައެއް ސުޕްރީމް ކޯޓުން ކުރިއަށް ނުގެންދަވާނެ ކަމަށް ގާނޫނީ ބޭފުޅުން އެމަނިކުފާނަށް ލަފާ ދެއްވުމުން ކަމަށެވެ.
އަދި ހުކުމް އިއްވާފައި ނުވާ ޕީޕީއެމްގެ މިލްކުވެރިކަމާ ބެހޭ މައްސަލަ ނީމޭނެ ވަކި ދުވަހެއް ވެސް އެނގިވަޑައި ނުގަންނަވާތީ ކަމަށް، އާ ސިޔާސީ ޕާޓީއެއް ހެދުމަށް ނިންމެވި ސަބަބު ހާމަ ކުރައްވާ މައުމޫން ވިދާޅުވި އެވެ.
އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރައީސް މައުމޫންގެ ތާއިދާ އެކު 32 ދާއިރާތަކަށް ކެންޑިޓޭޓުން ނެރުމަށް ވަނީ ނިންމައިފަ އެވެ.
މައުމޫންގެ ތާއީދާ އެކު ރައްޔިތުންގެ މަޖިލީހަށް ކުރިތިލުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ހުޅުވާލުމުން 108 ފަރާތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.