09 Oct 2011, 08:48
ސަންޢާ (އޮކްޓޯބަރ 9) : ރައްޔިތުންގެ އުތުރި އެރުމަކާ ކުރިމަތިލާން ޖެހިވަޑައިގެންފައިވާ ޔަމަންގެ ރައީސް ޢަލީ ޢަބްދުﷲ ސާލިޙްގެ ސިއްޙީ ޙާލުކޮޅު އިތުރަށް ގޯސްވަމުންދާ ކަމަށް ޚަބަރު ލިބިއްޖެއެވެ.
ސާލިޙްގެ ޕާޓީ ކަމަށްވާ "ޕީޕަލްސް ކޮންގްރެސް"ގެ ދައިރާތަކާ ޙަވާލާދީ ޔަމަންގެ މައުރަބް ޕްރެސް ބުނިގޮތުގައި ސަޢޫދީ އަރަބިޔާއިން ފަރުވާ ހޯއްދަވައިގެން މިދިޔަ މަހުގެ ފަހުކޮޅު ޤައުމަށް އެނބުރި ވަޑައިގަތުމަށްފަހު ސާލިޙްގެ ޙާލުކޮޅު ދުވަހެއް ދުވަހަކަށްދަނީ ދަށަށެވެ. މިގޮތުން ނޭވާލުމަށް ދަތިވުމުގެ އިތުރުން އަޑުއިވުމާއި ފެނުމުގެ މައްސަލަތަކެއްވެސް ސާލިޙަށް ކުރިމަތިވެފައިވެ އެވެ.
ޖަރުމަނަށް ވަޑައިގަތުމަށްޓަކައި އިއްޔެ އޭނާވަނީ ވެރިރަށް ސަންޢާއިން ފުރާވަޑައިގެން ޔަމަންގެ ދެވަނަ ރަށްކަމަށްވާ ޢަދަން އަށް ވަޑައިގެންފައެވެ. ރައީސް ސާލިޙް ސަޢޫދީ އަރަބިޔާއިން ފަރުވާ ހޯއްދެވީ ޔަމަންގެ ރިޔާސީ އެކުވެނީގެ އެތެރޭގައި ދިން ޙަމަލާއެއްގައި އޭނާގެ ހަށިކޮޅުގެ ބޮޑުބައެއް ފިހުމާގުޅިގެންނެވެ. (އަލްޖަޒީރާ)