އަބޫޖާ (ފެބްރުއަރީ 3): ނައިޖީރިއާގެ ނައިބު ރައީސް ޔެމީ އޮސިންބަޖޯ ހުންނެވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާއިން އޭނާ ސަލާމަތްވެވަޑައިގެންފި އެވެ.

ނައިޖީރިއާ ކޯގީ ސްޓޭޓަށް އެހެލިކޮޕްޓަރު ވެއްޓުނީ ނައިބު ރައީސްގެ އޯލް ޕްރޮގްރެސިވް ކޮންގްރެސް (އޭޕީސީ)ގެ ކެމްޕެއިނަށް ދަތުރު ކުރައްވަމުން ގެންދަވަނިކޮށެވެ. އެހާދިސާއަށް ފަހު އޮސިންބަޖޯ ވަނީ މާގިނަ އިރުތަކެއް ނުވެ ތަގުރީރެއް ދެއްވާފަ އެވެ.

ނައިޖީރިއާގެ ނައިބު ރައީސް ޔެމީ އޮސިންބަޖޯ -- ފޮޓޯ: އޭޕީ

އަދި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި އެންމެން ވެސް ސަލާމަތްވި ކަމަށް ވިދާޅުވެފަ އެވެ. އެއަށް ފަހު އޮސިންބަޖޯ ވަނީ ޓުވީޓެއް މެދުވެރިކޮށް ކުރޫއަށާއި ހެޔޮ އެދޭ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

ނައިޖީރިއާގެ އާއްމު އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 16އިގަ އެވެ. އެއިންތިހާބުގައި ރައީސް މުހައްމަދު ބުހާރީ އާއި އޮސިންބަޖޯ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެ އެވެ.