03 Feb 2019, 10:52
ރާއްޖެއަށްދޭ އެހީ އިތުރުކޮށް ބަޖެޓުގައި ހިމެނުމަށް އިންޑިއާ އިން ނިންމައިފި އެވެ.
ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮންނަ ގުޅުން ގޯސްވެފައިވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ ގުޅުން ވަނީ އަނެއްކާ ވެސް ވަރުގަދަވެފަ އެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޑިއާ އިން މި އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި 55.9 މިލިއަން ޑޮލަރު އަދި ލޯނުގެ ގޮތުގައި 24.4 މިލިއަން ޑޮލަރު ދޭން ވަނީ ބަޖެޓުގައި ހިމަނައިފަ އެވެ.
މީގެ އިތުރުން އިންޑިއާ ކަނޑުގެ ގައުމުތަކާއި ސާކްގެ ގައުމުތައް އަދި ބޭ އޮފް ބެންގަލް އިނިޝިއޭޓިވް ފޯ މަލްޓި ސެކްޓޮރަލް ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަނަށް އިންޑިއާ އިން ހަރަދު ކުރާނެ މިންވަރު ވެސް ވަނީ އިތުރުވެފަ އެވެ. ސާކުގެ ކަންތަކަށް ވެސް އިންޑިއާ އިން ވަނީ ބޮޑު އަދަދެއް ބަޖެޓުކޮށްފަ އެވެ.
އިންޑިއާ އިން ވަނީ ރާއްޖެއަށް 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދޭން ވެސް އެއްބަސްވެފަ އެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގެ މަޝްވަރާތަކަށް ފަހު އިންޑިއާ އިން ރާއްޖެ އަށް ދޭން ނިންމި އެހީއެކެވެ.