ސްޓާ ޕްލަސްއިން ގެނެސްދެމުން އައި އިންޑިއާގެ އެންމެ ބޮޑު ނެށުމުގެ މުބާރާތް "ޑާންސް ޕްލަސް 4" އިންޑިއާގެ ޕޫނޭއަށް ނިސްބަތްވާ ޗޭތަން ސަލުންހޭ 19، ކާމިޔާބުކޮށްފި އެވެ.

އޭނާ އެ މުބާރާތުގެ އެއް ވަނަ ދިޔަކަން ހާމަކުރީ ރޭ ބޭއްވި ގްރޭންޑް ފިނާލޭގަ އެވެ. ފިނާލޭގައި ޗޭތަން އާއެކު ވާދަކުރީ އާޗަލް-ސޫޖަން، ވާތިކާ ޖާ އަދި ވީ އަންބީޓަބަލް އެވެ.

މުބާރާތުގެ ދެވަނަ މަގާމަށް އާޗަލް-ސޫޖަން ހޮވުނުއިރު ތިންވަނަ އަށް ހޮވުނީ ވާތިކާ ޖާ އެވެ. އަދި ހަތަރު ވަނައަށް ދިޔައީ ވީ އަންބީޓަބަލްއެވެ.

ޗޭތަން މުބާރާތް ކާމިޔާބުކުރުމުން އޭނާއަށް ވަނީ 25 ލައްކަ ރުޕީސް ލިބިފަ އެވެ. އަދި ޓްރޮފީ ވެސް އޭނާއަށް ވަނީ ލިބިފަ އެވެ.

"ޕޮޕިންގް ބާދްޝާހް" ނަމުން ޗޭތަން މަޝްހޫރުވިއިރު އޭނާ ވަނީ ޝޯގައި ރަނގަޅު ހުށައެޅުންތަކެއް ހުށައަޅައިފަ އެވެ.

ރޭގެ ފިނާލޭގައި ވަނީ އަނިލް ކަޕޫރު އަދި މާދުރީ ޑިކްސިޓް ވެސް ބައިވެރިވެފަ އެވެ.

'ޑާންސް ޕްލަސް' އަކީ ބޮލީވުޑްގެ ކުޅަދާނަ ކޮރެއޮގްރާފަރު އަދި ޑައިރެކްޓަރު ރޭމޯ ޑިސޫޒާ ސުޕާ ޖަޖެއްގެ ގޮތުގައި ފެނިގެންދާ ޝޯ އެކެވެ.

މިދިޔަ އަހަރު އެ ޝޯ ކާމިޔާބުކުރީ ޕުނީތު ޕަންކަޖްގެ ގޭންގް ތަމްސީލުކުރި ބިރް ރާދާ އެވެ.