މޮންރޯވިޔާ (އޮކްޓޯބަރ 8) : ލައިބީރިޔާގެ ރައީސާ އިލިން ޖޯންސަން އަށް ސުލްޙައިގެ ނޮބެލް އިނާމް ހައްޤު ނުވާކަމަށާއި އޭނާއަކީ ޤައުމު ފަސާދަކޮށް އަހްލީ ހަނގުރާމައެއްގެ ތެރެއަށް ޤައުމު ވައްޓާލުމުގެ ހަރުކަށި ސިޔާސަތުތަކެއް ގެންގުޅުއްވާ ބޭފުޅެއް ކަމަށް ލައިބީރިޔާގެ އިދިކޮޅު ފަރާތްތަކުން ސިފަކޮށްފިއެވެ.

ލައިބީރިޔާގެ ރިޔާސީ އިންތިޚާބަށް އެންމެ ދެތިން ދުވަހަށް ވެފައިވަނިކޮށް ރައީސާ އިލިން ޖޯންސަން އަށް ސުލްޙައިގެ ނޮބެލް އިނާމް ދިިނުމަށް ނިންމި ނިންމުމަކީ ޖެއްސުމުގެ ޢަމަލެއް ކަމަށާއި އެއީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރްސަތު އިލީން އަށް ބޮޑުކޮށްދިނުމުގެ ސިޔާސީ މަޤްސަދްގައި ނޮބެލް އިނާމާބެހޭ ކޮމިޓީން ހިންގި ރިޔާސީ އިންތިޚާބުގެ ތެރެއަށް ވަދެގަތުމުގެ ޢަމަލެއް ކަމަށްވެސް އިދިކޮޅު ދެލީޑަރުން ކަމަށްވާ ޖޯޖް ވިޔާ އާއި ވިންސްޓަން ޓޮބްމެން ތުހުމަތު ކުރެއްވިއެވެ. ޖޯޖް ވިޔާއަކީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެކެވެ.

މި އަހަރުގެ ސުލްޙައިގެ ނޮބެލް އިނާމް ދިނުމަށް ކަމާބެހޭ ކޮމިޓީން އިޚްތިޔާރުކުރި 3 އަންހެނުންނަކީ ޔަމަންގެ އެކްޓިވިސްޓެއް ކަމަށްވާ ތަވައްކަލް ކަރްމާންގެ އިތުރުން ލައިބީރިޔާގެ ރައީސާ އީލީން ޖޯންސަން އާއި އެޤައުމުގެ އެކްޓިވިސްޓެއް ކަމަށްވާ ލީމާ ގޮބީ އެވެ.

ލައިބީރިޔާގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ. ރައީސާ އިލީން ގެންދަވަނީ ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށްފަހު މިއިންތިޚާބު ކާމިޔާބު ކުރެއްވުމަށްޓަކައި ވަރުގަދައަށް ކޭންޕޭން ކުރައްވަމުންނެވެ.

އިލީން އަށް ސުލްޙައިގެ ނޮބެލް އިނާމް ދިނުމަށް ނިންމާފައިވީ ނަމަވެސް އޭނާއަކީ ލައިބީރިޔާގެ ކުރީގެ ޑިކްޓޭޓަރ އަދި ހަނގުރާމައިގެ ޖަރީމާ ހިންގިކަމުގެ ކުށުގައި ބައިނަލްއަޤްވާމީ ގޮތުން މިހާރު ޝަރީޢަތް ހިންގަމުން ގެންދާ ޗާލްސް ޓޭލަރު އަށް އެހީތެރިވެ ދެއްވާފައިވާ ބޭފުޅެކެވެ. އިލީންވަނީ ޗާލްސް ޓެއިލަރަށް އެހީތެރިވެދެއްވި ކަމަށް އެއްބަސްވެ ވަޑައިގެންފައެވެ. (އަލްޖަޒީރާ)