(ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން):

ސްރީލަންކާގެ 71 ވަނަ މިނިވަން ދުވަހުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ސްރީލަންކާއަށް ފުރާވަޑައިގެންފި އެވެ.

މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާގެ ދައުވަތުފުޅަކަށް ރައީސް ސޯލިހު ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

ސްރީލަންކާއިން މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހެވެ. އެއީ 1948 ވަނަ އަހަރު އިނގިރޭސީންގެ ކިބައިން ސްރީލަންކާއަށް ދާޚިލީ އަދި ސިޔާސީ މިނިވަންކަން ލިބުނު ދުވަހެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސްރީލަންކާއަށް ފުރާވަޑައިގަތީ ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއްގައި، މިއަދު ހެނދުނު އެވެ.

މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޢިކޮނޮމިކއ މިނިސްޓަރު ފައްޔާޒް އިސްމާއީލާއި އެޑިއުކޭޝަން މިނިސއޓަރު ޑރ. އާއިޝަތު އަލީ އަދި ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމްވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް ސޯލިހު މިއަދު ކޮލޮމްބޯއަށް ވަޑައިގެން، އެތަނުގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެ ބައްދަލުކުރެއްވުން އޮންނާނީ މިއަދު ހަވީރު، ކޮލޮމްބޯގައި ހުންނަ ދިވެހި އެމްބަސީގައެވެ.

ލަންކާގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު ކޮލޮމްބޯގެ ގޯލް ފޭސް ގްރީންގައެވެ. އަދި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މާދަމާ ރޭ ދެއްވާ ރަސްމީ ފަރީއްކޮޅުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މީގެ އިތުރުން މާދަމާ ހަވީރު ރާއްޖެއާ ލަންކާގެ ވިޔަފާރިވެރިންގެ ފޯރަމެއްވެސް އޮންނާނެ އެވެ. މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.