03 Feb 2019, 10:11
އަންހެނުން ކަސްރަތަށް ހޭލުންތެރި ކުރުވައި ކަސްރަތުގެ މުހިންމުކަން އަންގައި ދިނުމަށް އަންހެނުންނަށް ހާއްސަކޮށްގެން ޓީއެފްޖީއިން "ރަނިން ރަން"ގެ ނަމުގައި ދުވުމެއް ބާއްވަން ނިންމައިފި އެވެ.
މާޗު އެކެއްގައި ބާއްވާ ރަނިން ރަންގެ ޓައިޓްލް ސްޕޮންސާއަކަށް ހަމަ ޖައްސާފައި ވަނީ ކެއާ ސޮސައިޓީ އެވެ. ޓީއެފްޖީން ބުނި ގޮތުން މިއީ އެންޖީއޯ އަކަށް ޓައިޓްލް ސްޕޮންސާ ދީގެން ދުވުމެއް ބާއްވާ ފުރަތަމަ ފަހަރެވެ.
ރަނިން ރަން ލޯންޗު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓީއެފްޖީގެ ސީއީއޯ ހުސައިން ޒިނާން ވިދާޅުވީ މި ދުވުމުން ކެއާ ސޮސައިޓީއަށް އެހީތެރިވުމަކީ ވަރަށް ބޮޑު ބޭނުމެއް ކަމަށެވެ. އެގޮތުން ދުވުންތެރިން ދުވުމަށް ރެޖިސްޓްރީވާން ދައްކާ ފީއިން 20 ޕަސެންޓް ކެއާ ސޮސައިޓީއަށް ހަދިޔާ ކުރާނެ ކަމަށާއި އަދި ޓީޝާޓު ވިއްކައިގެން ލިބޭ ރުފިޔާގެ 26 ޕަސެންޓް ކެއާ ސޮސައިޓީއަށް ހަދިޔާ ކުރާނެ ކަމަށެވެ.
ދުވުން ރެޖިސްޓްރީ ފީ - 154 ރުފިޔާ
ޓީޝާޓެއް 150 ރުފިޔާއަށް
ރަނިންރަން އާ ބެހޭ މައުލޫމާތު ޓީއެފްޖީގެ ސީއީއޯ ޒިނާން ދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޒިނާން ވިދާޅުވީ ކެއާ ސޮސައިޓީ ހިންގަނީ ވަރަށް ދަތި ހާލުގައިކަން މިއަދު އެނގުނު ކަމަށާއި އެހެން ކަމުން ޓީއެފްޖީއިން ކޮންމެވެސް ވަރެއްގެ އެހީއެއް ފޯރުކޮށްދިނުމަކީ ބޭނުމެއް ކަމަށެވެ.
"ކެއާ ސޮސައިއިޓީގެ ނަން އާންމުންނަށް އަޑުއިއްވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން." ޓީއެފްޖީގެ ސީއީއޯ ހުސައިން ޒިނާން ވިދާޅުވި އެވެ.
ކެއާ ސޮސައިޓީގެ ޗެއާމަން ތޯހާ ސަލީމް ވިދާޅުވީ ޓީއެފްޖީއިން ރަނިން ރަން ދުވުމުގެ ޓައިޓްލް ސްޕޮންސަރުކަން ދެއްވީތީ އުފާ ކުރާ ކަމަށެވެ. އަދި މީގެ ކުރިން އަބަދު ވެސް ދުވުންތަކުގައި ކޮމާޝިއަލް ފަރާތްތަކަށް ޓައިޓްލް ސްޕޮންސަރުކަން ދިން ނަމަވެސް މިފަހަރު އެންޖީއޯއަކަށް ދިނުމުން ކެއާ ސޮސައިޓީގެ ބެލެނިވެރިންނާއި ދަރިވަރުންނަށް ވެސް ބޮޑު އުފަލެއް ލިބިގެން ދިޔަ ކަމަށް ތޯހާ ވިދާޅުވި އެވެ.
މިހާރު ވެސް ކެއާ ސޮސައިޓީ ހިންގަނީ ވަރަށް ހާލުގައި ކަން ތޯހާވެސް ފާހަގަ ކުރެއްވި އެވެ.
ދުވުމުގު ހުރިހާ ކަމެއްގައި އަންހެނުން
ރަނިންރަން ސްޕޮންސަރުންނާ އެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ބައިވެރިން ދުވުމުގައި ހިލޭ ރެޖިސްޓްރީ ކޮށްދެނީ --- ސަންފޮޓޯ ފަޔާޒު މޫސާ
'ރަނިން ނަން' ނަން އެ ނަން ރަން އަށް ދެވުނީ އަންހެނުންނަށް ނިސްބަތްކޮށް ރަނިން ބޭނުންކޮށްގެން ކަމަށް ޓީއެފްޖީ އިން ބުނެ އެވެ. އަދި އެ ރަންގެ ހުރިހާ ކަމެއްގައި އުޅޭނީ އަންހެނުން ކަމަށް ޓީ އެފްޖީއިން ބުންޏެވެ.
ޓީއެފްޖީގެ ހެޑް ރަނިން ކޯޗު ޝަޒްނާ މުހައްމަދު ވިދާޅުވީ ރަނިން ރަންގެ ހުރިހާ ކަމެއްގައި އުޅޭނީ އަންހެނުން ކަމަށެވެ. އެގޮތުން ދުވުންތެރިންނުން ފެށިގެން ރަން އިންތިޒާމު ކުރުމާއި އެ ރަންގެ އެންމެ ކުދި ކުދި ކަންކަމުގައި ވެސް އެންމެ ބޮޑެތި ކަންކަމުގައި ވެސް ހަރަކާތްތެރިވާނީ އަންހެނުން ކަމަށް ޝަޒްނާ ވިދާޅުވި އެވެ.
ރަނިންރަން އާ ބެހޭ ގޮތުން ޓީއެފްޖީގެ ހެޑް ރަނިން ކޯޗު ޝަޒްނާ ވާހަކަފުޅު ދައްކަވަނީ --- ސަންފޮޓޯ ފަޔާޒު މޫސާ
އެ ރަން އަންހެނުންނަށް ހާއްސަ ކުރަނީ ކަސްރަތު ކުރުމާއި ހެލިފެލިވެ އުޅުމަށް އަންހެނުންނަށް ބާރު އެޅުވުމުގެ މަގްސަދުގައި ކަމަށް ޝަޒްނާ ވިދާޅުވި އެވެ. އެ ރަންގައި ދުވަން ޖެހެނީ ހަތް ކިލޯ މީޓަރަށެވެ. ޝަޒްނާ ވިދާޅުވީ އެއްގޮތަކަށް ދުވުމެއްގައި ބައިވެރިނުވާ މީހަކު ވެސް ހަތް ކިލޯ މީޓަރަށް ދުވަން ޓީއެފްޖީން ޓްރެއިން ކޮށްދޭނެ ކަމަށެވެ. ދުވުމުގެ ޓްރެއިނިންގެ ބޭނުންވާ ފަރާތްތަކުން ޓީއެފްޖީއަށް ގުޅުއްވުމަށް ޝަޒްނާ އެދިލެއްވި އެވެ.
ރަނިންރަންގެ މީޑިއާ ޕާޓްނަރު ސަން އޮންލައިންއާ އެކު އެއްބަސްވުމުގައި ސޮއިކުރުން --- ސަންފޮޓޯ/ ފަޔާޒު މޫސާ
މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަދި ޓީއެފްޖީގެ މާސްޓާ ޓްރެއިނާ މުއީނާ މުހައްމަދު ވެސް ވަނީ އަންހެނުން ކަސްރަތު ކުރުމާއި ހެލިފެލިވެ އުޅުމުގެ މުހިންމުކަން ފާހަގަ ކުރައްވައިފަ އެވެ. މުއީނާ ވިދާޅުވީ މިހާރު ވެސް މާލޭގައި ގިނައިން ފެންނަނީ އަންހެނުން ސައިކަލު ދުއްވާފައި އުޅޭތަން ކަމަށާއި އޭގެ ބަދަލުގައި ހިނގާފައި އުޅުން ނުވަތަ ބައިސްކަލު ދުއްވުން ކަހަލަ ކަމެއް ހިޔާރު ކުރަން ޖެހޭ ކަމަށެވެ.
ރަނިން ރަން އޮންނަނީ އެކެއް މާޗު ވަނަ ދުވަހު ހުޅުމާލޭގަ އެވެ. މިހާރު ރެޖިސްޓްރޭޝަނަށް ވަނީ ހުޅުވާލާފަ އެވެ.http://www.gotorace.com/event/runinrun-2019/ދުވުމުގައި ޖުމްލަ ރެޖިސްޓްރީ ކޮށްދެނީ 1000 ފަރާތެވެ. ރަނިންރަންގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.