މިއަދު މުޅި ރާއްޖޭގައި ފެށި ޖީސީއީ އޯލެވެލް އިމްތިހާނުގެ ސެކަންޑްރީ ސްކޫލް ސެޓިފިކެޓް ]އެސްއެސްސީ[ގެ އިސްލާމް ޕޭޕަރު ކަމަށް ހީކޮށް، ދިވެހި ޕޭޕަރު އދ. މާމިގިލީ ސްކޫލުގައި ކަނޑައި ބަހައިފި އެވެ.
~
އެ ސްކޫލްގެ ޕްރިންސިޕަލް ކޭ ކުމާރު މިރޭ ވިދާޅުވީ އެ އޮޅުން އެރީ ޕަބްލިކް އެގްޒަމިނޭޝަނުން ފޮނުވި، ސެކިއުރިޓީ އުރައިގެ ބޭރު ލޭބަލް އޮޅިފައި ހުރުމުން ކަމަށެވެ.

ޕްރިންސިޕަލް ވިދާޅުވީ ޕޭޕަރު ކެނޑީ ދަރިވަރުންގެ ހާޒިރުގައި ކަމަށާއި ޕޭޕަރު ބެހިފަހުން އެއް ކުއްޖަކު، މެނޭޖުމަންޓްގެ ސަމާލުކަމަށް އެކަން ގެނައުމުން ޕޭޕަރުތައް އަނބުރައި ނަގައި އަދި ކުދިން "ކަސްޓަޑީގައި" ބައިތިއްބާފައިވާ ކަމަށެވެ.

"އިސްލާމް ޓެސްޓް ޕޭޕަރުގެ ލޭބަލް ހުރީ އޮޅުވާލައިފައި. އެކަންތައް އެގުނީ ޕޭޕަރު ކަނޑާލި ވެސް ފަހުން. ދެން އޯލެވެލްގެ ގަވާއިދާ އެއްގޮތަށް ދިވެހި ޕޭޕަރުގެ ގަޑި ޖެހެންދެން އެކުދިންނަށް ހޯލް ދޫކޮށެއް ނުލެވޭނެ. މިހާރު ކުދިން ތިބީ ސްކޫލުގެ ބެލުމުގެ ދަށުގައި. އެކުދިންގެ ކެއުމާއި ނިދުމާއި އެހެނިހެން ޒަރޫރީ ބޭނުންތައް ފުދޭނެ ގޮތް މިހާރު ސްކޫލުން ވަނީ އިންތިޒާމްކޮށްފައި. އެ ކުދިންނަކަށް ނޯންނާނެ ބޭރުގެ އެއްވެސް ފަރާތަކާ ކޮންޓެކްޓް ކުރެވޭކަށް ވެސް،" ޕްރިންސިޕަލް ވިދާޅުވި އެވެ.

އޯލެވެލްގެ ގަވާއިދު ބުނާ ގޮތުން ދިވެހި ޓެސްޓް އޮންނަ ގަޑި ޖެހެންދެން އެ ދަރިވަރުން ސްކޫލްގެ ބެލުމުގެ ދަށުގައި ބޭރުގެ އެއްވެސް ފަރާތަކާ ކޮންޓެކްޓް ނުކުރެވޭ ގޮތަށް ތިބޭނެ ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ. އަދި އެ ދަރިވަރުންގެ ޒަރޫރީ ބޭނުންތައް ފުއްދޭނެ ގޮތް މިހާރު ސްކޫލުން އިންތިޒާމްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްލާމް ޕޭޕަރު ކަމަށް ހީކޮށް ދިވެހި ޕޭޕަރު މާމިގިލީ ސްކޫލްގައި ބެހި މައްސަލާގައި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ޝަކީބާ ގުޅި އިރު އޭނާ ޖަލްސާއެއްގައި އިންނެވުމުން އޭނާގެ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.