އަވަށްޓެރި ސްރީލަންކާ އަކީ އެތައް ހާސް ދިވެހިންނަކަށް އަމިއްލަ ވަޒަނެއް ކަމަށާއި ރާއްޖެއާއި ލަންކާއަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެގައުމު ކަމަށް ލަންކާ ރައީސް މައިތިރި ޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު ރައީސް ސިރިސޭނާގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލަންކާއަށް ކަނޑައެޅުއްވި ސަފީރު އުމަރު އަބްދުލް ރައްޒާގުގެ ސަފީރު ކަމުގެ ފަތްކޮޅު އަރުވާފައެވެ.

ސަފީރު އުމަރަށް ތަހުނިޔާ ވިދާޅުވެ އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ލަންކާ އަކީ އެތައް ހާސް ދިވެހީން އަމިއްލަ ވަޒަން ކަމުގައި ދެކޭ ކަމަށާއި ދެގައުމުގެ ވަރުގަދަ ގުޅުން އިތުރު ދާއިރާއަކުން އިތުރަށް ބަދަހި ކުރުން މުހިންމު ކަމަށެވެ.

ރައީސް ސިރިސޭނާ އަށް ސަފީރު އުމަރު، ސަފީރުކަމުގެ ފަތްކޮޅު އަރުވަނީ --

އެގޮތުން އިންވެސްޓްމެންޓްގެ ދާއިރާއިން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި އެކަމަށް މަސައްކަތް ކޮށްދެއްވުމަށް، ރައީސް ސިރިސޭނާ ސަފީރުގެ އަރިހުން އެދިވަޑައިގަތެވެ.

ސަފީރުގެ ވާހަކަފުޅުގައި ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ރަހްމަތްތެރި ގުޅުމަށް އަލިއަޅުއްވާލައްވައި، އެމަނިކުފާނުގެ ސަފީރުކަމުގައިވެސް އެގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ސިރިސޭނާ އަށް އެރުވިއެވެ.

ރާއްޖެ އާއި ލަންކާއާ ދެމެދު އިގްތިސާދީ ގޮތުން މިހާރުވެސް ކުރިއަށްދާ ބޮޑެތި މަޝްރޫއޫތަކަށް އަލިއަޅުއްވާލައްވާ މިގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ސަފީރު އުމަރު ދެއްވިއެވެ. އަދި މީގެ އިތުރުން، ތަޢުލީމާއި، ސިއްޙަތާއި ވިޔަފާރީގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ސަފީރު ވިދާޅުވިއެވެ.

ޢުމަރަށް ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްވީ މިދިޔަ މަހު 20 ވަނަ ދުވަހު އެވެ.

ލަންކާގެ 71 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް، ލަންކާގެ ރައީސް ސިރިސޭނާގެ ދައުވަތަކަށް، ރައީސް ސޯލިހް މާދަމާ އެގައުމަށް ފުރާވަޑައިގަންނަވާނެއެވެ. ރައީސް ސޯލިހްގެ ތިން ދުވަހުގެ މި ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅުއްވާ ދިވެހީންނާ ބައްދަލު ކުރައްވާނެއެވެ.