ހުޅުލެ-ހުޅުމާލެ ލިންކު ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ އެވެ.

އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ މިއަދު މެންދުރު 14:15 އެހާކަންހާއިރު ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ތޮށިގަނޑުގައި ޖެހިފައިވާ ކަމަށެވެ.

އެ ސައިކަލަކީ އެއާޕޯޓުން ލިންކު ރޯޑުން ދުއްވާފައި ދިޔަ ސައިކަލެއް ކަމަށާއި އޭނާ އަށް ފަރުވާދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުގައި އަނިޔާވި މީހާ 14:50 އެހާކަންހާއިރު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އޭނާ އަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމްގަ އެވެ. އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 21 އަހަރުގެ ފުވައްމުލަކު މީހަކަށެވެ. އަދި އަނިޔާވެފައި ވަނީ އޭނާގެ ބޮލަށެވެ.

ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ހައިވޭ އާއި ބްރިޖުގައި ހިނގާ އެކްސިޑެންޓުތައް މަދުކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީ އިން ވަނީ ކެމްޕެއިނެއް ފަށައިފަ އެވެ.