02 Feb 2019, 14:31
ޑައިރެކްޓަރު ރޯހިތު ޝެޓީ ވަނީ ފިލްމު 'ސިމްބާ'އާ އެކު މިދިޔަ އަހަރު ބްލޮކްބަސްޓާ ފިލްމެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފަ އެވެ. ރަންވީރު ސިންގް ލީޑު ރޯލުން ފެނިގެން ދިޔަ އެ ފިލްމަށް މިހާތަނަށް 200 ކުރޯރު ރުޕީޒްގެ އާމްދަނީއެއް ލިބުނު އިރު ބޮކްސްއޮފީހުގެ ގިނަ ރެކޯޑުތަކެއް ވެސް ވަނީ އާކޮށްފަ އެވެ.
ރޯހިތު އަދި ވެސް އަންނަނީ 'ސިމްބާ'ގެ ކާމިޔާބީ ފާހަގަ ކުރަމުންނެވެ. އަދި އެ އުފަލުގައި ހުރެ ރޯހިތު މިވަނީ އިތުރު ފިލްމެއްގެ މަސައްކަތް ފަށައިފަ އެވެ. އެއީ ފިލްމު 'ސޫރިޔާވަންޝީ' އެވެ.
ހުކުރު ދުވަހު ރޯހިތު ވަނީ ފިލްމުގެ މަސައްކަތް ފެށުމަށް އޭނާގެ ޓީމާއެކު އިންޑިއާގެ ގޯއާއަށް ފުރައިފަ އެވެ. 'ސޫރިޔާވަންޝީ'ގެ ލީޑު ރޯލުން ފެނިގެންދާނީ ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރެވެ.
އަކްޝޭ އާ އެކު ބަތަލާ ސޯނަމް ވެސް ފިލްމުން ފެނިގެންދާނެ ކަމަށް ޚަބަރުތައް އަންނަނީ ބުނަމުންނެވެ. ނަމަވެސް އެކަން އަދި ރޯހިތު ޔަގީންކޮށްދީފައެއް ނުވެ އެވެ.
'ސޫރިޔާވަންޝީ' އިއުލާންކޮށްފައި ވަނީ ފިލްމު 'ސިމްބާ'ގެ ޕޯސްޓް ކްރެޑިޓްސްގެ ތެރެއިންނެވެ. އަކްޝޭ ވަނީ އެ ފިލްމުގައި 'އޭޓީއެސް އޮފިސަރު ވީރް ސޫރިވަންޝީ'ގެ ގޮތުގައި ޚާއްސަ ފެނިލުމަކުން ފެނިގެން ގޮސްފަ އެވެ.
'ސޫރިޔާވަންޝީ' އަކީ ތަމިލް ފިލްމެއްގެ ރީމޭކް އެއް ކަމަށް ދެކެވެމުން އަންނަ ވާހަތައް ރޯހިތު ވަނީ ދޮގުކޮށްފަ އެވެ. ރޯހިތު ބުނީ އެ ފިލްމަކީ އޮރިޖިނަލް ވާހަކައެއްގެ މައްޗަށް އޭނާ ޕްރޮޑިއުސްކޮށް އުފައްދާ ފިލްމެއް ކަމަށެވެ.
އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.