މޯވޭ ކޮންސްޓަރަކްޝަނުން ލ. އަތޮޅު ގަމުގައި ހެދިކަމަށް ބުނާ "އެކްސަސް ރޯޑް" އަކަށް 15.23 މިލިއަން ރުފިޔާ ޑިޒާސްޓާ މެނޭޖުމަންޓުން ދޫކުރަން އުޅެނިކޮށް، އެއީ ނުކުރާ މަސައްކަތެއް ކަމަށް ބަޔަކު ޝަކުވާ ކުރުމާ ގުޅިގެން އެ ފައިސާ ދޫކުރުން ވަގުތީ ގޮތުން އެންޓިކޮރަޕްޝަން ކޮމިޝަން]އޭސީސީ[ އިން ހުއްޓުވައިފި އެވެ.

އޭސީސީގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ވިދާޅުވީ ބަޔަކު އެ މައްސަލަ އޭސީސީގެ ސަމާލުކަމަށް ގެނައުމުން އެ ޕޭމަންޓް ހުއްޓުވުމަށް ފަހު މައްސަލަ ބެލުމަށް ލ. އަތޮޅަށް ޓީމެއް ފޮނުވައިގެން މައްސަލަ ބައްލަވަމުން އަންނަ ކަމަށާއި އަންނަ ހަފުތާގެ ތެރޭގައި އެ މައްސަލައިގެ ރިޕޯޓް އާންމު ކުރައްވާނެ ކަމަށެވެ.

"އެ މައްސަލަ މިތަނުން ބަލަމުން މިދަނީ، ނަމަވެސް މުޅި މައްސަލަ ތަހުގީގުކޮށް ނުނިމެނީސް އެއްޗެއް ބުނަން ދަތި،" އޮފިޝަލް ވިދާޅުވި އެވެ. "އެ ޕޭމަންޓް އަޅުގަނޑުމެން ވާނީ ހުއްޓުވާފައި."

ސަން އާ ވާހަކަ ދެއްކި ޑިޒާސްޓާ މެނޭޖުމަންޓްގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ އެ ޕޭމަންޓަކީ ޑިޒާސްޓާ މެނޭޖުމަންޓުން ދޭން ޖެހޭ ފައިސާއެއް ވެސް ނޫން ކަމަށާއި އަދި އެއީ ރަނގަޅަށް ކޮށްނިންމާފައި އޮތް މަސައްކަތެއް ކަމަށް ވެސް ގަބޫލު ނުކުރައްވާ ކަމަށެވެ.

ޑިޒާސްޓާ މެނޭޖުމަންޓްގެ އޮފިޝަލު ވިދާޅުވީ މޯވޭ އަށް ފައިސާ ދެއްކުމަށް އުޅުނު އިރު، ފްރެންޗު ރެޑްކޮސް އިން ލ. އަތޮޅުގައި ހިންގި ޕްރޮޖެކްޓްގެ ފައިސާ ޑިޒާސްޓާ މެނޭޖުމަންޓްގައި ނުހުންނާނެ ކަމަށާއި "އެކްސަސް ރޯޑް"ގެ ނަމުގައި ފައިސާ ދޭން އުޅުނީ ރ. ދުވާފަރާއި ތ. ވިލުފުށީގައި ގެއަޅަން ހުރި ފައިސާ އިން ކަމަށެވެ.

ނަމަވެސް އޮފިޝަލްގެ ތުހުމަތާ ގުޅިގެން ޑިޒާސްޓާމެނޭޖުމަންޓްގެ ކުރީގެ ޗީފް ކޯޑިނޭޓަރު އަބްދުﷲ ޝާހިދުގެ ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. އަދި މިހާރުގެ ޗީފް ކޯޑިނޭޓަރު އިލްޔާސް ހުސައިން އިބްރާހީމްގެ ފޯން ނިއްވާފައި އޮތުމުން އޭނާގެ ބަހެއް ވެސް ވަނީ ލިބޭގޮތް ނުވެފަ އެވެ.

މޯވޭ ކޮންސްޓްރަކްޝަން ކޮމްޕެނީގެ ޑިރެކްޓަރު މުހައްމަދު ވަހީދު ]ދިގަލި[ މިއަދު ވިދާޅުވީ އެކްސަސް ރޯޑްގެ މަސައްކަތަކީ އެ ކުންފުނިން ކުރި މަސައްކަތެއް ކަމަށާއި ނުކުރާ މަސައްކަތަކަށް ފައިސާ ހޯދުމަށް އެދިފައި ނުވާނެ ކަމަށެވެ.