ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓު ދީފައިވާ ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރު މަޖިލީހުގައި ވާދަ ނުކުރައްވަން ނިންމަވައި ޓިކެޓު ދޫކޮށްލައްވައިފި އެވެ.

އާޒިމާ ޓިކެޓު ދޫކޮށްލެއްވީ އާލާސްކަންފުޅާ އުޅުއްވާތީ އެވެ. ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްމަތީން ވިދާޅުވީ އާޒިމާ ޓިކެޓު ދޫކޮށްލެއްވީ އާލާސްކަބްފުޅާ އުޅުއްވާތީ މަޖިލިސް އިންތިހާބު ފަދަ ބުރަ މަސައްކަތެއްގައި އުޅުއްވުމަށް ސިއްހީ ހާލަތު ތަން ނުދޭތީ ކަމަށެވެ.

އާޒިމާގެ ބަދަލުގައި ޕީޕީއެމްގެ ހޮޅުދޫ ދާއިރާގެ ޓިކެޓު ރޭ ވަނީ އިތުރު ފަރާތަކަށް ދީފަ އެވެ. ހޮޅުދޫ ދާއިރާ އިން ޕީޕީއެމްގެ ޓިކެޓު ދީފައި ވަނީ އަހުމަދު ހަމްދާން ނާސިރަށެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމް އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރޭ ވަނީ ކޯލިޝަން ހަދައި އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ ކޯލިޝަންގެ ފަރާތުން އިންތިހާބުގައި ވާދަކުރުމަށް ރޭ 63 ފަރާތަކަށް ޓިކެޓް ދީފައިވާ އިރު އިތުރު ފަރާތްތަކަށް ޓިކެޓު ދޭން ނިންމާފައިވަނީ ޕްރައިމަރީ އަަކަށް ފަހު އެވެ.

ހޮޅުދޫ ދާއިރާ އަށް ޕީޕީއެމްގެ އިތުރަށް އެމްޑީއޭ އާއި އެމްޑީޕީ އިން ވެސް ވާދަ ކުރެ އެވެ.

އެމްޑީއޭގެ ފަރާތުން އެދާއިރާ އަށް ވާދަ ކުރައްވަނީ ހުސައިން ސާލިމް މުހައްމަދެވެ. އެމްޑީޕީ އިން ޔޫނުސު އަލީ އެވެ.