ވޮޝިންޓަން (ފެބްރުއަރީ 2) : އަފްޣާނިސްތާނާއި ސޫރިޔާގައި ހަމައެކަނި އޮތީ ހަމަނުޖެހުމާއި ތަޅާފޮޅުމާއި ނިމުމެއް ނެތް ހަނގުރާމަތަކެއް ކަމަށާއި އެތަންތަނުގައި ބޮޑު ޚަރަދުކޮށްގެން ސިފައިން ބޭތިއްބުމުގެ ބޭނުމެއް ނެތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް ކުރެއްވި ޓުވީޓްތަކެއްގައި ވިދާޅުވެފައި ވަނީ އެމެރިކާ ރައްޔިތުންގެ ޓެކްސް ފައިސާ އިން (އެމެރިކާގެ ބަޖެޓުން) އަހަރަކު ގާތްގަނޑަކަށް 50 ބިލިޔަން ޑޮލަރު އަފްޣާނިސްތާނުގައި ބައިތިއްބާ އެމެރިކާ ސިފައިންނަށް ޚަރަދުވާކަމަށާއި އެއީ ނަތީޖާ ނުނެރެވޭ ބޭކާރު ޚަރަދުތަކެއް ކަމުގަ އެވެ. ޓްރަމްޕް ވިދާޅުވީ ބޭރުގެ ހަނގުރާމަތަކަށް އެމެރިކާ ސަރުކާރުން ޚަރަދުކުރާ ފައިސާ އެމެރިކާގެ ތަރައްގީ އާއި ކުރިއެރުމަށާއި އަދި އެމެރިކާގެ ރައްޔިތުންނަށް ބޭނުންވާ ވަޒީފާތައް އުފެއްދުމަށް ޚަރަދު ކުރުމަކީ އޭނާގެ ރިޔާސީ ވައުދެއްކަމުގަ އެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވުނީ އެމެރިކާގެ ރައްޔިތުން މިވައުދުތައް ބަލައިގަތުމުގެ ސަބަބުން ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. ޓްރަމްޕް މިހެން ވިދާޅުވި އިރު މިދިޔަ ޑިސެމްބަރު މަހު ޓްރަމްޕް ވަނީ އެމެރިކާ ސިފައިން ސޫރިޔާ އިން ބޭލުމަށް ނިންމަވާފަ އެވެ. މިއާ އެކު އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިންވަނީ އެމެރިކާ ސިފައިން ސޫރިޔާއިން ބޭލުމުގެ މަސައްކަތް ފަށައިފަ އެވެ. ނަމަވެސް އެކަމާ ހިތްހަމަނުޖެހިގެން އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މަޓިސް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ގަތަރުގައި އެންމެ ފަހުން ބޭއްވި އަފްޣާން ސުލްޙައިގެ ވާހަކަތަކުގައި އެމެރިކާ ވަނީ 18 މަސްތެރޭގައި އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމަށް ނިންމިކަން ތާލިބާނުންނާ ހިއްސާކޮށްފަ އެވެ. މިކަމާގުޅިގެން އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމަށް ޓްރަމްޕް ނިންމަވާފައިވާ ކަމަށާ މިކަމުގައި ޓްރަމްޕްގެ ސަރުކާރު ވަރަށް ސީރިޔަސް ކަމަށް ވިދާޅުވެ އެކަން ކަށަވަރުކުރައްވައި ދާދިފަހުން ބަޔާނެއް ދެއްވައިފަ އެވެ.

އެމެރިކާއިން އަފްޣާން ހަނގުރާމައަށް 17 އަހަރު ތެރޭގައި ދެ ޓްރިލިޔަން ޑޮލަރަށްވުރެ ބޮޑު ޚަރަދެއް ޚަރަދުކޮށްފައިވީ ނަމަވެސް ތާލިބާނުން ބަލިކުރުމުގައި އެމެރިކާގެ ލަޝްކަރުތައް ވަނީ މުޅިން ނާކާމިޔާބުވެފަ އެވެ. ސަތާރަ އަހަރުގެ ހަނގުރާމައަށް ފަހު ވެސް އަފްޣާނިސްތާނުގައި މިހާރު ވެސް އަސްކަރީ ގޮތުން ބާރުގަދައީ ތާލިބާނުންގެ އެވެ.

ސޫރިޔާއާއި އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް އެމެރިކާ ނިންމީ އެކަމަށް ޚަރަދު ކުރުމުގެ ގާބިލްކަން އެމެރިކާގައި ކުޑަވަމުންދާތީ އާއި އިގްތިސާދީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުންނާއި އަސްކަރީ ގޮތުން ޗައިނާގެ ފަރާތުން އެމެރިކާއަށް ކުރިމަތިވަމުންދާ އާދަޔާ ޚިލާފު ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޓްރަމްޕް ވަނީ އިރާގުން ވެސް އެއްކޮށް ފައިބަން ގަސްދުކުރާ ކަމުގެ އިޝާރާތެއް ދާދިފަހުން ދެއްވައިފަ އެވެ.

އެމެރިކާ ސިފައިން ބޭރުގައުމުތަކުން ބޭލުމަށް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތަށް އެމެރިކާގެ އެތެރޭގައި ބާރުގަދަ ޑީޕް ސްޓޭޓްގެ މުއައްސަސާތަކުން ގެންދަނީ ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. އެމެރިކާގެ ޑީޕް ސްޓޭޓްގެ މުއައްސަސާތަކުގެ ގޮތުގައި ފާހަގަ ކުރެވެނީ ޖާސޫސީ އިދާރާތަކާއި ކޮންގްރެސް އާއި ދިފާއީ ވުޒާރާ ޕެންޓަގަން އާއި އެމެރިކާގެ ހަތިޔާރުގެ ބިޔަ ކުންފުނިތަކާއި ޒަޔަނިސްޓް ލޮބީ ގްރޫޕްތަކާއި މީޑިއާ އެވެ. (ނޫސްއެޖެންސީތައް)