ނ. މަގޫދޫ ބަނދަރަށް ވެލި އަރައި ލަފާފުރަން ދަތިވެއްޖެ އެވެ.

އެ ރަށު ކައުންސިލްގެ ރައީސް ފަތުހުﷲ ނަސީރު މިއަދު ސަން އަށް ވިދާޅުވީ ފަޅު ހެދުމުގެ މަސައްކަތް ކުރި އިރު ވެސް އެ ސަރަހައްދަކީ މޫސުމީ ދުވަސްވަރު ވެލިގަނޑު ވަންނަ ސަރަހައްދެއްކަން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ.

މަގޫދޫ ބަނދަރުގެ ތިންބައިކުޅަ ދެބަޔަށް މިހާރު ވެސް އޮތީ ވެލި އަރައިފަ އެވެ. މީގެ ސަބަބުން އުޅަނދުފަހަރު ވަދެ ނިކުތުމަށް ބޮޑެތި ތަކުލީފުތައް ކުރިމަތިވަމުންދާ އިރު އެ ރަށު ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ވެސް ވަނީ ތަކުލީފުތަކާ ކުރިމަިލާން ޖެހިފަ އެވެ.

މަގޫދޫ ފަޅު ތެރެއަށް ވެލިގަނޑު އަރާފައި---- ސަން ފޮޓޯ

"މިހާރު އަތޮޅު ފެރީ ވެސް އެބަދޭ ބައެއް ދުވަސް ދުވަހު ނުވަދެވިގެން. ރަށުގައި ހުންނާނެ ބޮޑެތި ކަންނެލި ދޯނި ފަހަރު ވެސް، މިހާރު ފަޅަށް ވަދެވެނީ ފަހަރަކު ދޯންޏަކަށް،"

ފަތުހުﷲ ވިދާޅުވީ މީގެ ކުރިން އިތުރުން މާލެ ދަތުރުކުރާ ބޯޓްފަހަރު ވެސް މަގޫދު އަށް ޖައްސާ ކަމަށާއި ނަމަވެސް ފަޅުގެ މައްސަލަ ކުރިމަތިވާން ފެށި ފަހުން އެފަދަ ބޯޓުފަހަރު ވެސް އެ ރަށަށް ނުވަންނަ ކަމަށެވެ.

"މިހާރު މާލެދާން ވެސް ރައްޔިތުން މިޖެހެނީ އެހެން ދޯންޏެއްގައި ބޯޓު އޮންނަ ރަށަށް ދާން. ވިޔަފާރިވެރިން މުދާ ގެނައުމަށް ވެސް ދަތިތައް ކުރިމަތިވޭ،"

މަގޫދޫ ފަޅުގެ މައްސަލަ ކުރިމަތިވާތީ އެކިފަހަރު ވަނީ ކަމާ ބެހޭ މިނިސްޓްރީގެ ފަރާތުން ސާވޭތައްކޮށްފަ އެވެ. ނަމަވެސް އަދި ވެސް އެދެވޭ ހައްލެއް އެކަމަށް ލިބިފައެއް ނުވެ އެވެ.

"ކޮންމެ ފަހަރަކު ވެސް ހައިމާކަކުން ވެލިގަނޑު ނަގަނީ. މިއީ ދާއިމީކޮށް އެކަން ހުއްޓުވޭނެ ގޮތެއް ނޫން،" ފަތުހުﷲ ވިދާޅުވި އެވެ.

ރަށުގެ ރައްޔިތުންގެ އެދުމަކީ މަގޫދޫ ފަޅު މިހާރު އޮތް ދިމާއިން އެހެން ދިމާއަކަށް ބަދަލު ކުރުމެވެ. ނުވަތަ ވެލިގަނޑު ވަންނަ ދިމާލުން އިތުރު ބޮޑުހިލަ ބަރިއެއް ޖެހުމަކީ ވެސް އެކަމަށް ހައްލެއް ލިބޭނެ ކަމެއް ކަމަށް ރައްޔިތުންގެ ތެރެއިން ބަޔަކު ބުނާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

މަގޫދޫ ފަޅު ތެރެއަށް ވެލިގަނޑު އަރާފައި---- ސަން ފޮޓޯ

"އަނެއް ހިޔާލަކީ ފަޅު ބޭރަށް ދަމާލުން. މާބޮޑަށް އެތެރެއަށް އިންނާތީ ވާކަމެއް ކަމަށް ވެސް ބައެއް ރައްޔިތުން ބުނޭ. އަޅުގަނޑުމެން ވާނީ މި ހިޔާލުތައް ވެސް މިނިސްޓްރީ އާ ހިއްސާ ކޮށްފައި. އެބޭފުޅުންގެ ޓެކްނިކަލް މުވައްޒަފުންނަށް ދެއްތޯ އެނގިލައްވާނީ ކޮބައިކަން ހައްލު ލިބޭނެ ގޮތަކީ. ރައްޔިތުން ބޭނުންވޭ ލަފާ ފުރަން ފަސޭހަ ގޮތެއް."

ފަތުހުﷲ ވިދާޅުވީ މަގޫދޫ ފަޅުގެ މައްސަލައަށް އަވަސް ހައްލެއް ލިބުމަކީ އުއްމީދު ކަމަށެވެ. ރިޔާސީ އިންތިހާބުގެ ތެރޭގައި ވެސް އެ ވާހަކަ ވަރަށް ބޮޑަށް ދެކެވިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.